ދައުލަތުގެ މިއަހަރުގެ ހަރަދު 4.1 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްގެ ހަފްތާގެ ތަފާސްހިސާބުން ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 3.2 ބިލިއަން ރުފިޔާގައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ހޭދަކުރިވަރާ އަޅާބަލާއިރު، 28 އިންސައްތައިގެ އިތުރުވުމެކެވެ.
ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު 4.1 ބިލިއަން ރުފިޔާގެ ތެރޭގައި މުސާރައާއި އިދާރީ އަދި ހިންގުމަށްކުރި ހަރަދާއި ލޯނުތައް އަނބުރާ ދެއްކުމަށްކުރި ހަރަދު ހިމެނެއެވެ.
އެގޮތުން ދައުލަތުގެ ހަރަދުތަކުގެ ތެރެއިން 945 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ މުސާރަ އާއި އިދާރީ އަދި ހިންގުމުގެ ހަރަދަށެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 821 މިލިއަން ރުފިޔާ އަދި ލޯނުތައް އަނބުރާ ދެއްކުމަށް 445 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ދައުލަތުން ކުރި ހަރަދުތަކުގެ ތެރޭގައި ސަބްސިޑީތަކަށް ހޭދަކުރި 443 މިލިއަން ރުފިޔާ ހިމެނޭއިރު، ތަރައްގީގެ މަޝްރޫއުތައް ވަނީ 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ތަފާސްހިސާބުން ދައްކާގޮތުން އާމްދަނީގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބުނީ 4.1 ބިލިއަން ރުފިޔާއެވެ. އޭގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ ކަމަށް ވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 3.5 ބިލިއަން ރުފިޔާއެވެ.
އެއީ ޖުމްލަކޮށް ދައުލަތައް ލިބުނު އާމްދަނީގެ 84 އިންސައްތައެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތައް ލިބުނީ 639 މިލިއަން ރުފިޔާއެވެ.