ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށިއްޖެއެވެ.

މާލެއާއި ގުރައިދޫ ދާއިރާގެ ރަށްރަށުގައި މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވޯޓުލުން ކުރިއަށްގެންދާއިރު މި ޕްރައިމަރީގައި 4 ކެންޑިޑޭޓަކު ކުރިމަތިލައްވައެވެ. ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ:

  1. މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި
  2. ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
  3. އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ
  4. އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ

މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މިވަނީ، އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.

ރިޒާ އަކީ 19ވަނަ ރައްޔިތުންގެ މަޖިލީހަށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި މެމްބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިރާއެއްގެ ގޮނޑިއެއް ހުސްވެ، އެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބައި އިލެކްޝަނެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އެންމެފަހުން މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. އެފަހަރު ބާއްވާފައިވަނީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެވެ. އެއީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެފުރަތަމަ އިންތިޚާބުވި، މެމްބަރު ހުސެއިން ވަހީދު، 2021 ވަނަ އަހަރުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެ.

ގުރައިދޫ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ޓިކެޓު އިދިކޮޅު ޕީޕީއެމުން ވަނީ ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އަށް އަރުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުކަމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުންވަނީ އެކަން އިއުލާނުކޮށްފައެވެ.