ހިންދު ކަނޑުގައި މުތީތަކެއްގެ ގޮތުގައި އެތުރިގެންވާ ކުޑަކުޑަ މި ދިވެހިރާއްޖެއަކީވެސް ކިތަންމެ އާބާދީ ކުޑަޔަސް އަމިއްލަ ބަހަކާއި އަމިއްލަވަންތަ ސަގާފަތެއް ލިބިފައިވާ ބައެކެވެ. އަދި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މި ސަގާފަތާއިމެދު ދިވެހިން ފަހުރުވެރިވެއެވެ. އެހެންނަމަވެސް ފަހުގެ ޖީލުން ދިވެހިންގެ ރީތި އާދަކާދަތަކާއި ދިވެހިންގެ ސަގާފަތުގެ ނަމުގައި ކުރާ "ކޫސަނި" ކަންތައްތަކުން، ދިވެހިން ފަހުރުވެރިވާ ސަގާފަތް ނެތި ދާ ވާހަކަ މިއީ އެންމެންވެސް އަޑު އަހާނެ ވާހަކައެކެވެ.
ސަގާފަތާއި ބެހޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަ ދައްކަވަމުން މުޙައްމަދު ވަހީދު ލިޔުއްވާފައިވެއެވެ. އަޅުގަނޑުމެން ދިވެހިންނަށް ސަގާފަތް ދިރުވުމޭ ބުނުމުން ހަމަގައިމުވެސް ގިނަ މީހުންނަށް މާނަ ކުރެވެނީ ރަނގަޅަކަށް ނޫނެވެ. ރަނގަޅަށް ނޫނޭ މި ދަންނަވަނީ ސަގާފަތް ދިރުވައި އާލާކުރުމަކީ އުވިގޮސްފައިވާ އާދަތައް ދިރުވުންކަމަށް މާނަކުރެވޭ ވާހަކައެވެ.
ތެދުފުޅެކެވެ. ސަގާފަތުގެ މާނައަށް ވިސްނަންޖެހެނީ މުހައްމަދު ވަހީދު އެ ވިދާޅުވާހެން ބައެއް ދިވެހިންނަށް ސަގާފަތުގެ މާނަ އޮޅުންއަރާތީއެވެ.
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ސަގާފަތް މާނަކުރައްވަނީ " އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެބައެއްގެ ތެރޭގައި ވިސްނުމާއި ހިޔާލާއި ވާހަކަ ދެއްކުމާއި މަސައްކަތްތެރިކަމާއި ކުޅިވަރާއި މިއުޒިކާއި ނެށުމާއި މިހުރިހާކަމަކާއި ގުޅިފައިވާ އާދަކާދަތަކެވެ". ސަގާފަތުގެ މާނައިގައި އަލްމަރްހޫމާ ހަބީބާ ހުސައިން ހަބީބު ވިދާޅުވެފައިވަނީ ގައުމެއްގެ ސަގާފަތް ރަމްޒުކޮށްދެނީ ގައުމުގެ މިނިވަންކަމާއި ގުޅިފައިވާ އަމިއްލަވަންތަކަން ހާމަކޮށްދޭ ހުރިހާކަމެކެވެ. އަދި މިއަށްވުރެ ކުރު އިބާރާތަކުން ދަންނަވާނަމަ ގައުމެއްގެ ގައުމިއްޔަތެވެ.
ސަގާފަތުގެ މަސްދަރަކީ އެބައެއްގެ ތާރީހާއި، އަމިއްލަވަންތަކަމާއި، ގަބޫލުކުރުންތަކާއި، އަގުތަކާއި، އެބަޔަކު ދުނިޔެ ސިފަކުރާގޮތެވެ. ސަގާފަތަކީ ވިރާސީ ގޮތުން އެއްޖީލުން އަނެއްޖީލަށް ވާރުަތަކުރާ އެއްޗެއް ނޫނެވެ. އެއީ އުނގެނި ދަސްކުރާ އެއްޗެކެވެ. ސަގާފަތް އަންނާނީ މުޖުތަމައުގެ ތެރެއިންނެވެ.
މި ބުނެދެވުނީ ސަގާފަތަކީ ކޮބައިކަމުގެ ކުރު ހުލާސާއެކެވެ. ސަގާފަތުގެ ވާހަކަ ދައްކާއިރު ދިވެހިންގެ ސަގާފަތުގައި ފާހަގަކުރާ ހާއްސަ ދުވަސްތަކާއި އީދުފަދަ މުނާސަބަތު ތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކަށް ބަލާލަންޖެހެއެވެ. އަހަރުމެންގެ ކާބަފައިން އީދުގައި ކުޅުނު މާފަތި ޖެހުމާ، ތާރަޖެހުމާ، ފަތިގަނޑު ޖެހުމާ، ބަނޑިޔާ ޖެހުމާ، ފަން ކުޅުމާ، ބޮޑުމަސް ބޭނުމާއި، މާލި ނެށުމާއި ކުރުފަލިޖެހުމުގެ ކުޅިވަރުތަކަކީ ދެޖިންސަށް ބަލާލަންކެރޭ ސާދާ ދިވެހި ވައްޓަފާޅިއާއި ނެށުންތައް ފެނިގެންދިޔަ ސަގާފީ ކުޅިވަރުތަކެވެ.
މި ގޮތަށް މި ވާހަކަ ދެކެވުނު ކަމުގައި ވީ ނަމަވެސް ދިވެހި ސަގާފަތް ކުރިއަރުވަން މަސައްކަތް ކުރަނީ މަދު ބައެކެވެ. ތަރައްގީއާއިއެކު ބޭރު ދުނިޔޭގެ ފެސްޓިވަލްތަކުގައި ރާއްޖެ ތަމްސީލުކުރާއިރު ދިވެހިންގެ ދިވެހިވަންތަކަމުގެ ބަދަލުގައި އެއަށްވެސް އިތުރު "ގޮތެއް" ހަދާނުލައި ހުށައަޅައިނުދެނީ ދިވެހިންގެ ދިވެހި ވަންތަ ސަގާފަތް އަހަރުމެން ދިވެހިންނަށް ކަމުނުދާތީބާވައެވެ.
ޖަރުނުވިލާތުގައި މިހާރު ކުރިއަށްދާ އަ.އި.ޓީ.ބީ ބާލިން 2023 ފެއަރ ގައި ދިވެހިރާއްޖެ ތަމްސީލުކުރި ޑައިނިސިއެކްސް ނަމަކަށް ކިޔާ ގްރޫޕަކުން ދިވެހި ސަގާފީ ނެށުމެއްގެ ގޮތުގައި ހުށަހަޅައިދިން ނެށުމަކާއި ހެދި ދިވެހިންގެ ރުޅިގަނޑު ފަޅާއިގެންގޮސްފިއެވެ. އެހެން ނަމަވެސް އެއްބަޔަކަށް އެއީ "އާޓެއް" ކަމަށްވެސް ވެއްޖެއެވެ. އެފަދަ ބައިނައަލްއަގުވާމީ ޕްލެޓްފޯމެއްގައި ތަމްސީލުކުރަނީ ދިވެހިރާއްޖެއެވެ. ރާއްޖޭގެ ރައްޔިތުންނެވެ. ކާބަފައިންނާއި ދިވެހި ސަރުކާރެވެ. އެހެންނަމަވެސް އެހުރިހާ ކަމެއް ބޮލާލައި ޖެހުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ތިއްބަވަނިކޮށް، ހުށަހަޅައިދިން އެނެށުމުގައި ރާއްޖޭގެ ސަގާފަތާ ނުގުޅޭ އެތައް ކަންތައްތަކެއް ފެނިގެންގޮސް ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖޭގެ ލަދުގަންނަވާލައިފިއެވެ. އަޅުގަނޑުމެން ދަންނަ ދިވެހި އަންހެނުންގެ ސަގާފީ ނެށުމަކީ އެއީކަމަށް ވަންޏާ ދެން އެކަމާއިމެދަކު ބުނާނެ އެއްޗެއްވެސް ނެތެއްނޫންތޯއެވެ.
ކާބައިންގެ ސަގާފީ ނެށުންތަކުގައި ދެޖިންސް މަސްހުނިވުމެއް ނެތެވެ. ނަމަވެސް މި ނެށުމުގައި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ހަރަކާތްތަކެއް ދިވެހި ސަގާފަތް ކަމަށް ހަދައި ދިވެހިންގެ އަގު ވައްޓާލައިފިއެވެ. ދިވެހި ލިބާހެއް ނުވަތަ ދިގުހެދުމެއް ލައިގެން ހިތައްއެރިހާ ވައްތަރުތަކެއް ޖެއްސިޔަސް އެއީ އަޅުގަނޑު ހިތުން ސަގާފީ ނެށުމަކަށް ނުވާނެއެވެ.
ދެން އޮތީ މިއާއި ވިދިގެން އަންނަ އަނެއް ވާހަކައެވެ. ރާއްޖޭގެ ފަންނުވެރިކަމުގެ ދުނިޔެ ކިތަންމެ ކުޑަޔަސް އެދާއިރާގައިވެސް ކުޅަދާނަ އެތައް ފަންނުވެރިންނެއް އެބަތިއްބެވެ. އެހެންނަމަވެސް އީދެއްވިޔަސް އައު އަހަރެއް ފާހަގަކުރަންވިޔަސް ކޮންމެވެސް ބޭރު "ފަރަންޖީ" އަކު ގެނެސްގެން ޝޯއެއް ދިނުން ނޫން ކަމެއްނުފެނެއެވެ. މިބުނީ ބޭރުގެ ފަންނުވެރިން ނުގެންނާށެކޭނޫނެވެ. އެހެންނަމަވެސް ދިވެހިންގެ ފަންނުވެރިންނަށް ފުރުސަތު ދީގެން އެމީހުންގެ ހުނަރު ކުރިއެރުވުމަށް މަގުފަހިކޮށްދިނުމަށެވެ. ދިވެހި ފަންނުވެރިންނަށް އިސްކަން ދިނުމުގެ ބޭނުމުގައެވެ.
ދެން ދިވެހި ބަހަށް ބަލާށެވެ. އަލަށް ބޮޑެތިވާ ކުދިންނާއި ޒުވާނުންގެ ވާހަކަދެއްކުމުގެ ފެންވަރު ހުންނަގޮތް ތިބޭފުޅުން އަމިއްލައަށް ބައްލަވާލައްވާށެވެ. ދެބަހުން އެއްބަސް އިނގިރޭސިކޮށްގެން ޖުމްލައެއް ނިންމާލާއިރު އަޑު އަހަން ހުންނަމީހާއަށްވެސް ކިރިޔާ ފަހުމުވަނީއެވެ. ރީތި އަމިއްލަ ބަހެއް އޮއްވާ އިތުރު ބައެއްގެ ބަސް ބޭނުން ކުރަނީ ކީއްކުރަން ހެއްޔެވެ. މިވަރުންވެސް ބައެއް ދިވެހިންގެ ނަޒަރުގައި މިއީ އާޓެކެވެ.
ނިންމާލަމުންވެސް ބުނަންއޮތީ ހަމަ އެކައްޗެކެވެ. ކުރިންވެސް ފާހަގަ ކުރިހެން އަހަރުމެންގެ ދިވެހި ސަގާފަތް ކުރިއަރުވަން މަސައްކަތް ކުރަނީ މަދުބައެކެވެ. އަހަރުމެންގެ ސަގާފީ ތަރިކަ ދިރުވާ، ދިވެހިބަހާއި، ސަގާފަތު ކުރިއަރުވާނެ އިތުރު ބަޔަކު އަހަރެމެން ފިޔަވައި ދެން އަންނާނެ ހެއްޔެވެ. މި އާދަކާދަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާ އެކެވެ. އަހަރުމެންގެ ދަރިންނަށް ދިވެހި ތާރީހާއި ސަގާފަތް އުނގަންނައިދޭން އެބަޖެހެ އެވެ. ލޯބި ޖައްސަން އެބަ ޖެހެ އެވެ.