ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިފެށޭ ހަފްތާގެ ބުދަދުވަހު ހަމަވާނެކަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.

މިފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި، މިހާރު ކިޔަވަމުންދާ ދަރިވަރުން ހިމެނޭހެން 720 ފުރުޞަތު ވަނބީ ހުޅުވާލާފައެވެ. މި އަހަރުގެ ލޯނު ސްކީމް ހުޅުވާލާފައިވަނީ އެހެން އަހަރު ތަކުގައި ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުޞަތު އިތުރުކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާއި، އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމަށް ފުރުޞަތު މި ލޯނުގެ ދަށުން ލިބޭނެއެވެ.

މީގެއިތުރުން، މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް ފުރުޞަތު ވެސް މިލޯންގެ ދަށުން ވަނީ ހުޅުވާލެވިފައެވެ.

މިނިސްޓްރީން ބުނީ، މި ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދޭނެކަމަށެވެ. އަދި ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށް އެކަނި ކަމަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

މިއަހަރުގެ ލޯން ސްކީމް އިޢުލާންކޮށްފައިވަނީ ލޯންގެ އެޑްމިނިސްޓްރޭޓިވް ޗާރޖް އެއް އިންސައްތައަށް އަށް ކުޑަކުރުމަށްފަހުއެވެ. އެހެންކަމުން މި ލޯނަށް އެދި ހުށަހެޅުމަށް ހަޔާ އެޑިއުކޭޝަނުގެ ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ. ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގައި ޗެކްލިސްޓަށް ސަމާލުކަންދެއްވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ލޯނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ފެށޭ ހަފްތާގެ ބުދަދުވަހުގެ މެންދުރު 13:30 އެވެ.