އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަކީ ރާއްޖޭގެ މުޖުތަމައުއަށް އައު ވާހަކަތަކެއް ނޫނެވެ. ފަލަސްތީނުގެ ބިމުގެ މައްޗަށް އިސްރާއީލުން ކުރާ ދައުވާތަކަކީ، ބާތިލު ދައުވާތަކެއްކަން ވެސް ދިވެހިން ދަނެއެވެ. މި ސަބަބާހުރެ އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ފެށިގެންއައި ޒަމާނުންސުރެ އަދާ ހަމައަށް ވެސް ރާއްޖެ އޮތީ ފަލަސްތީނުގެ ދިފާއުގައެވެ. އިސްލާމީ އަހުވަންތަކަމުގެ ގޮތުން ބެލިއަސް ފަލަސްތީނު ދިފާއުކުރުމަކީ ދިވެހިންގެ ވާޖިބަކަށްވަނީ ވެފައެވެ.

ތާރީހީ ގޮތުން ބަލާއިރު ފަލަސްތީނަކީ އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިމެވެ. ފަލަސްތީނުގެ ބިމަކީ ގިނަ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންގެ ތާރީޙާއި ގުޅިފައިވާ، އެ ބިމެއްގައި އެ ރަސޫލު ބޭކަލުން ފަސްދާނުވެޑުވިފައިވާ ބިމެވެ. ފަލަސްތީނުގެ ރަށްތަކުގެ ތެރެއިން އެންމެ މުހިންމު ރަށަކީ ޤުދުސް ނުވަތަ ޖެރޫސަލަމްއެވެ. އިންސާނުންގެ ބުއްދިއާއި ފިކުރު ހައިރާންކޮލި އާދަޔާޚިލާފު މުޢުޖިޒާތެއްގެ ގޮތުގައި ފާހަގަކުރާ އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުގައި، މިއުރާޖުގެ ފެށުން އައިސްފައިވަނީ ފަލަސްތީނުގައި ހުންނަ މަސްޖިދުލް އަގްސާއިންނެވެ. އަދި މި މިސްކިތަކީ މި އުންމަތުގެ މުސްލިމުންގެ ފުރަތަމަ ގިބުލައެވެ. މި ހުރިހާ ސަބަބުތަކަށް ބަލާއިރު މުސްލިމުންނަށް ފަލަސްތީނުގެ ބިން މުހިންމެވެ.

ޔަހޫދީން ފަލަސްތީނުގެ ބިމުގެ މައްޗަށްކުރާ ދައުވާގެ ދެ އަސާސެއްވެއެވެ. ފުރަތަމަ އަސާސަކީ ޔަހޫދީން ބަދަލުކޮށްފައިވާ އެމީހުންގެ ފޮތް، ތައުރާތުގައި އެ ބިމަކީ ބަނީ އިސްރާއީލުގެ ދަރިންނަށް ދެއްވުމަށް ސަލާމްލެއްވި އިބްރާހީމްގެފާނަށް ވައުދުކުރައްވާފައިވާ ބިމަކަށްވުމެވެ. ދެވަނަ އަސާސަކީ ތާރީހީ ގޮތުން އެއީ އިސްރާއީލުގެ ބިމެއްކަމުގައި ބުނުމެވެ. ފުރަތަމަ އަސާސްގެ ބުރަދަނަށް ބަލާލަމާ ހިނގާށެވެ. ފުރަތަމަ އަސާސާއި އެއްގޮތައް ބަނީ އިސްރާއީލަށް ގުނައި އަދަދު ނުކުރެވޭފަދަ ނިއުމަތްތަކެއް ދެއްވިކަން ގުރުއާނުން ވެސް ސާބިތުވެއެވެ. އެހެންނަމަވެސް މި ނިއުމަތްތައް އެމީހުންނަށް ދެއްވީ މުސްލިމުންކަމުގައިވެ ދުނިޔެ އާބާދުކުރުމަށްޓަކައެވެ. ﷲ ގެ ބަސްފުޅަށް ގޮންޖަހައި ނަބީން ގަތުލުކުރާކަށްނޫނެވެ. ދެވަނަ އަސާސަށް ބަލާއިރު ފަލަސްތީނޭ މިކިޔާ ބިމުގައި ފުރަތަމަ ވަޒަންވެރިވީކަމަށް ތާރީހުން ސާބިތުވަނީ ކަންއާނީންނެވެ. މިއީ ޔަހޫދީންގެ ނަސަބާއި ތިމާގެކަމުގެ ގޮތުން އެއްވެސް ގާތްކަމެއް ނެތް ބަޔެކެވެ.

މި ދެއަސާސްގެ މައްޗަށް ބާތިލު ފިކުރުތަކެއް އުފަންކުރުވައިގެން ހުޅަނގާއި އެއްބައިވެގެން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުތަކުން ކުރަމުން ގެންދާ ކަންތައްތަކަށް ދުނިޔެ އޮތީ ލޯމަރާލައިގެންނެވެ. އެހެންނަމަވެސް ކުޑަކުއްޖެއް މުސްކުޅިއެއް އަންހެނެއްވަކި ނުވާގޮތައް ޔަހޫދީން ހިންގާ ޖަރީމާތަކާއި ގަތުލުއާންމުތަކަށް ދިވެހިންގެ ލޮލެއް ނުމަރައެވެ.

މިފަހުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުނީ އިސްރާއީލުގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަން އުޅޭކަމުގެ ވާހަކަތައް އެ އެއާލައިނުން ހާމަކުރުމާގުޅިގެންނެވެ. އެކަމާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަންފެށުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އެފަދަ ހުށަހެޅުމެއް ލިބިފައި ނުވާކަމަށާއި އެފަދަ ކަމަކަށް އިސްރާއީލުން އެދުނަސް އެ އިންތިޒާމްތައް މި ސަރުކާރުން ހަމަޖައްސާ ނުދޭނެ ކަމަށެވެ. ތަރުޖަމާން ވަނީ، ރާއްޖެއާއި އިސްރާއީލާ ދެމެދު ވިޔަފާރީގެ ގުޅުންވެސް ނެތްކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ރާއްޖެއާއި އެގައުމާ ދެމެދު ވައިގެ ދަތުރުފަތުރާއި ގުޅޭ އެއްބަސްވުމެއް ނެތްކަމަށާއި ރާއްޖެއަށް ދަތުރުތައް ފަށާނަމަ އެފަދަ އެއްބަސްވުމެއް ބޭނުންވާނެކަމަށް ވިދާޅުވިއެވެ. އިސްރާއީލްގެ ޓްރެވެލް ކުންފުންޏެއް ކަމަށްވާ ކަމިނޯސްއާ ހަވާލާދީ 2021 ވަނަ އަހަރުވެސް ނޫހެއްގައިވަނީ ދިވެހިރާއްޖެއާއި އިސްރާއީލާއި ދެމެދު ދަތުރުތައް ފަށާ ޚަބަރު ރިޕޯޓް ކޮށްފައެވެ. ނަމަވެސް އެކަމާ ގުޅިގެންވެސް ދިވެހިން ނުރުހުންފަޅުކުރަން ފެށުމުން ދިވެހި ސަރުކާރުން ބުނީ ރާއްޖެއާއި އިސްރޭލާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފު އަސާސެއްނެތް ވާހަކަތަކެއް ކަމަށެވެ.

މީގެ ކުރިން ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ބޮޑުވަޒީރުކަމުގައި 1965 ވަނަ އަހަރު އިސްރާއީލްގެ ދައުލަތް ރާއްޖެއިން ބަލައިގަތުމުން އެކަމާ ދެކޮޅަށްވެސް ރާއްޖޭގެ ރައްޔިތުން އަޑުއުފުލިއެވެ. އެގޮތުން މިކަމާ އެންމެ ބޮޑަށް އަޑު އުފުއްލެވި ބޭފުޅުންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައިފުށު ބޮޑުބޭބެއެއްކަމަށްވާ ހ. މަދަރުސާދޮށުގޭ އަލްމަރުހޫމް ކުޑަ އަހުމަދު މަނިކާއި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު ޖަމީލު ދީދީއެވެ. ޖަމީލް ދީދީ ވަނީ މުސްލިމުން ޔަހޫދީންނާ އެއްވެސް ކަހަލަ އެއްބަސްވުމެއް ހެދުމަކީ ހުއްދަވެގެންވާކަމެއް ނޫންކަމަށް ބުނެފައެވެ.

ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެސްވަނީ ފަލަސްޠީނުގެ ރައްޔިތުން މިނިވަން ދައުލެތެއް ޤާއިމް ކުރުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހިސަރުކާރާއި ރައްޔިތުން، އެއްބާރުލުންދީ އެހީތެރިވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ފަލަސްތީނުގެ ރައީސަށް ދެއްވާފައެވެ.

ފަލަސްތީނުގެ މިއަދު މަސްރަހަށް ބަލާއިރު ކުރިއަށްއޮތް ރޯދަމަހާއި ދިމާކޮށް ޔަހޫދީންގެ އަނިޔާވެރިކަން ވަނީ ހައްދުފަހަނަ އަޅާފައެވެ. ހަމަލާތަކުގައި ޝަހީދުވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދުތައް ހިމަނައި ކޮޅުންލާން ވެސް ނޭނގޭއިރު ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަސައްކަތްދަނީ ކުރިއަށެވެ.

އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި ދުނިޔެ ހިމޭނުން އޮތްކަމުގައިވިޔަސް މި މައްސަލައިގައި ދިވެހިން މަޑުން ނޯންނާނެކަމާއި ދިވެހިންގެ ފެންވަރުން ދިވެހިންވެސް އަޑު އުފުލާނެކަން ދިވެހިންދަނީ ދުނިޔެއަށް ސާބިތުކޮށްދެމުންނެވެ. ނަތީޖާއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހިތުގައިވެސް ދިވެހިންނަށް އޮންނަ ލޯބި ހާމަވަމުންދިއުމެވެ.