އީރާނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރުމަށް އެއްބަސްވެއްޖެއެވެ.

އަލުން ސިޔާސީ ގުޅުން ގާއިމްކުރުމަށް މި ދެ ގައުމުން އެއްބަސްވުމަކަށް އައިސްފައި މިވަނީ، އެ ގުޅުން ކަނޑާލާފައި އޮންނަތާ ހަތް އަހަރުފަހުންނެވެ.

މި ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އަލުން ގާއިމްކުރުމަށް އެންމެ ބޮޑު މަސައްކަތްތަކެއްކޮށް، މިކަމުގެ މަޝްވަރާތަކުގައި މެދުވެރިއަކަށްވީ ޗައިނާއެވެ. މި ކަމުގައި ޗައިނާގެ ރައީސް، ޝީ ޖިންޕިން އަދާކުރެއްވި ދައުރު ބޮޑެވެ.

އަލުން ސިޔާސީ ގުޅުން ގާއިމްކުރުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފައި މިވަނީ، ޗައިނާގައި، މި ދެ ގައުމުގެ އިސް އޮފިޝަލުންގެ މެދުގައި ހަތަރު ދުވަސް ވަންދެން ބޭއްވި މަޝްވަރާތަކަށްފަހުއެވެ.

މި އެއްބަސްވުން މިއަދު އިއުލާނުކުރީ ޗައިނާގައި، އެ ތިން ގައުމުން ނެރުނު ގުޅިފައިވާ ބަޔާނަކުންނެވެ. ބަޔާނުގައި ބުނެފައިވަނީ، މިއީ ގުޅުން ރަނގަޅު އަވަށްޓެރިންގެ ގޮތުގައި ގައުމުތައް ތިބުމުގެ މުހިންމުކަމާއެކު، ރައީސް ޝީ ބޭއްވެވި މަޝްވަރާތަކެއް ކަމަށާއި މިއީ ގުޅުންތައް އިޔާދަކުރަން އީރާނާއި ސައޫދީން ވެސް ބޭނުންވެގެން ކުރި މަޝްވަރާތަކެއް ކަމަށެވެ.

މިކަމާ ބެހޭ އެއްބަސްވުމުގައި ސައުދީގެ ފަރާތުން ސޮއިކުރެއްވީ، ސައޫދީ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުސާއިދު ބިން މުހައްމަދު އާލް އައިބާނެވެ. އަދި އީރާނުގެ ފަރާތުން ސޮއިކުރެއްވީ، އީރާންގެ ސެކިއުރިޓީ އޮފިޝަލެއް ކަމަށްވާ އަލީ ޝަމްޚާނީއެވެ. އެއްބަސްވުމަށްފަހު، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ދެ ގައުމުން ވެސް އެމްބަސީތައް އަލުން ހުޅުވުމަށާއި، ކޮންމެ ގައުމަކުން ވެސް އަނެއް ގައުމެއްގެ މިނިވަންކަމަށް އިހްތިރާމްކޮށް ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ސައޫދީން އީރާނާއެކު ސިޔާސީ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު، އީރާންގެ ވެރިރަށް ތެހެރާންގައި މުޒާހަރާކޮށް، އެ ތަނުގައި ހުންނަ ސައޫދީ އެމްބަސީއަށް ގެއްލުންދީ ހުޅުޖެހި މައްސަލައިގައެވެ. އެކަން ކޮށްފައިވަނީ ސައޫދީގައި ޝީއީން އުޅޭ ހިސާބުތަކުގައި މުޒާހަރާކުރުމުގައި އިސްކޮށް އުޅުނު ޝީއީންގެ އިލްމުވެރިއެއް ކަމަށްވާ ޝައިޚް ނިމްރު ބަޣްރު އާލް ނިމްރު ދަންޖައްސައި މެރުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރުމާ އެކުގައެވެ.