ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވާދަކުރުމަށް އިބްރާހިމް ޝާޒު ހޮވައިފިއެވެ.
ހުސްވެފައިވާ އެގޮނޑިއަށް ވާދަކުރުމަށް އެ ޕާޓީން މީހަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ޝާޒު ކާމިޔާބު ކުރެއްވީ 311 ވޯޓުންނެވެ. ޕްރައިމަރީގައި ޝާޒާއެކު އިތުރު ތިން ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.
މި އިންތިހާބުގައި ޖުމްލަ 590 މީހުން ވޯޓުލާފައިވެއެވެ. ދެން ވާދަކުރި މުހައްމަދު މުސްތަފާއަށް 66 ވޯޓު ލިބިފައިވާއިރު ސަލްމާން ރަޝީދަށް 190 ވޯޓު ލިބިފައިވެއެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމް އާއި އެމްޑީޕީ އަދި އެމްއެންޕީގެ އިތުރުން އެމްޓީޑީން ވަނީ ވާދަކުރަން ނިންމާފައެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ.
ރިޒާ އަވަހާރަވީ، މެލޭޝިއާގައި ހުންނަވަނިކޮށެވެ. އޭނާ މެލޭޝިއާގައި ހުންނެވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ވަޑައިގެންނެވެ.
މި ބަލީގައި އޭނާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް އުޅުއްވިއެވެ. އޭނާ ރާއްޖޭގައި ހުންނެވުމަށްފަހު މެލޭޝިއާއަށް ވަޑައިގެންނެވީ މިދިޔަ މަހުގެ ތެރޭގައި ކަމަށްވެއެވެ.