ރަނގަޅު ފޯމެއްގައި އޮތް މެންޗަސްޓާ ޔުނައިޓެޑުގެ މައްޗަށް މިދިޔަ ހަފްތާގައި ހޯދި ބޮޑު މޮޅަށްފަހު ކުޅުނު ފުރަތަމަ މެޗުގައި، ލިވަޕޫލަށް ލަދުވެތި ބައްޔަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރަނަރަޕް ކަން ހޯދި ލިވަޕޫލަށް މި ސީޒަނުގައި އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވާއިރު، މިދިޔަ ހަފްތާގައި ޔުނައިޓެޑް އަތުން 0-7 އިން އެ ޓީމު ހޯދި މޮޅަކީ، އެ ޓީމުގެ އަލުން ފޯމަކަށް އެޅުނުކަމުގެ ހެއްކެއްކަމަށް ބައެއް ފަރާތްތަކުން އައީ ބުނަމުންނެވެ.

ރެލިގޭޝަން ޒޯނުގައި އޮތް ބޯންމައުތާ ދެކޮޅަށް މިއަދު ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލާ އަޅާބަލާއިރު ބޯންމައުތަކީ އާދައިގެ ޓީމަކަށްވާއިރު، މި ސީޒަނުގައި ބޯންމައުތަށް، މި މެޗު ހިމަނައިގެން ކުޅުނު 26 މެޗުން މޮޅެއް ހޯދިފައިވަނީ އެންމެ ހަ މެޗުންނެވެ.

ބޯންމައުތުގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި، ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ވެސް ލިވަޕޫލުންނެވެ. އެހެންނަމަވެސް 28 ވަނަ މިނެޓުގައި ބޯންމައުތުން ވަނީ ލަނޑެއްޖަހައި ލީޑުނަގާފައެވެ. މި މެޗުން އެ ޓީމު މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ފިލިޕް ބިލިންގެވެ.

މެޗުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުސަތެއް ވެސް ލިބިފައިވެއެވެ. އެގޮތުން ދެވަނަ ހާފުގައި މެޗުގެ 68 ވަނަ މިނެޓުގައި، އޭރިއާ ތެރެއިން ބޯންމައުތުގެ ސްމިތުގެ އަތުގައި ބޯޅަ ޖެހުމުން ލިވަޕޫލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެހެންނަމަވެސް އިތުބާރު ފޯވާޑް މުހައްމަދު ސަލާހް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި މެޗުން ހޯދި މޮޅާއެކު ބޯންމައުތު ވަނީ ވަގުތީ ގޮތުން ރެލިގޭޝަން ޒޯނުން ސަލާމަތްވެފައެވެ. އެ ޓީމުން މިހާތަނަށް ކުޅުނު 26 މެޗުން 24 ޕޮއިންޓު ލިބިފައިވާއިރު، ތާވަލުގައި އެ ޓީމުގެ ފަހަތުން ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓްހަމަށް އެއްމެޗު މަދުންކުޅެ 23 ޕޮއިންޓު ލިބިފައިވެއެވެ. މެޗުން ބަލިވި ލިވަޕޫލް އޮތީ ތާވަލުގެ ފަސްވަނައިގައި، 26 މެޗުން 42 ޕޮއިންޓާއެކުއެވެ.

ލިވަޕޫލަށް ކުރިއަށް ދެން އޮތީ ވެސް އުނދަގޫ މެޗެކެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި، ރަށުން ބޭރުގައި ލިވަޕޫލުން ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލުގެ މައްޗަށް ރެއާލުން ވަނީ ފަހަތުން އަރައި، 2-5 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.