ރާއްޖޭގެ އެންމެ މަގުބޫލު ރެކޯޑް ލޭބަލް، "ސިމްބޮލިކް ރެކޯޑްސް"އަށް ދަހަރެއް ނުވަތަ އިނގިރޭސި ބަހުން ބުނާމަނަ ޑެކޭޑޭއް (10 އަހަރު) ފުރިއްޖެއެވެ.

ލޭބަލް އުފެއްދިތާ ކުރު މުއްދަތެއްގައި ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ސިމްބޮލިކް ރެކޯޑްސް" ނުވަތަ ކުރުކޮށް ކިޔާ ގޮތުން ނަމަ "އެސްއާރް" ގެ 10 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، މިކަމާ ގުޅިގެން "ވީނިއުސް"އާ ވާހަކަދައްކަމުން، "ސިމްބޮލިކް ރެކޯޑްސް" ގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުހައްމަދު (އޭޑީ) ބުނީ، 2013 ގެ މިދުވަހު ސިމްބޮލިކް ރެޖިސްޓަރ ކުރީ ވަރަށް ގިނަ ކަންކަން، އެ ކުޑައިގެ ދަށުން ކުރެވޭގޮތަށް، ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރުމުގެ ނިޔަތުގައި ކަމަށާއި މިއަދާ ހަމައަށް، އެކި ސިފަސިފައިގައި، އެހީތެރިކަން ފޯރުކޮށްދީ، ކަމަށް ކަމޭހިތައިގެން މިކަމުގެތެރޭގައި އުޅެ، ރާއްޖޭގެ އެހެން އެއްވެސް ބަޔަކަށް އަދި ނުދެވޭ ހިސާބަކަށް ސިމްބޮލިކް ގެންގޮސްދިނުމުގައި ވަރަށް ގިނަ ބައެއްގެ ކޮންޓްރިބިއުޝަން ހިމެނޭ ކަމަށެވެ.

އޭޑީ ބުނީ، އެސްއާރުން އަމާޒު ހިފީ ހިޕްހޮޕް ކަލްޗަރ ރާއްޖެ ގެންނަން ކަމަށާއި އެ އަމާޒާ އެއްގޮތަށް ރެޕް ނުވަތަ ހިޕްހޮޕް ކަލްޗާ ރާއްޖެ ގެނެވިއްޖެ ކަމަށެވެ. މިއަދު ގާތްގަނޑަކަށް ހުރިހާ އެންމެންގެ ޕްލޭލިސްޓްގައި ރެޕްލަވަތައް ހުންނާނެކަން ފާހަގަކޮށް އޭޑީ ބުނީ، މިހާ ދުވަހު މާލީ މާބޮޑު މަންފާއެއް ނުލިބި އެއް އާއިލާއެއްގެ ގޮތުގައި ސިމްބޮލިކް އޮތުމަކީ އެންމެބޮޑު އެއް ކާމިޔާބީ ކަމަށެވެ. ސިމްބޮލިކްގެ މި ދިގު ދަތުރުގެ އެންމެ މުހިންމު ބައިވެރިން ކަމުގައިވަނީ އޭނާ ފާހަގަކުރާ ގޮތުގައި، ހީވާގި ހުނަރުން ފުރިގެންވާ އާޓިސްޓުންނާއި، މެނޭޖްމަންޓް އަދި ސަޕޯޓަރުންނެވެ. އޭޑީވަނީ އިޖުމާލީ ގޮތެއްގައި އެއެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

"ކޮޕީ ރާގުގެ ސަގާފަތެއް އޮތް ތަނަކަށް އީޕީ ހިމެނޭހެން 11 އަލްބަމާއެކު، 300 އާއި ގާތް ކުރާ އަދަދަކަށް އޮރިޖިނަލް ލަވަ ނެރެ، މުޅި އިންޑަސްޓްރީ ބަދަލު ކުރެވުނީ އަޅުގަނޑުމެންގެ މުޅި ޓީމުގެ ހިތްވަރާއި، ކެނޑިނޭޅި ލިބެމުންދިޔަ ސަޕޯޓާއި ލޯބީގެ ސަބަބުން. 10 އަހަރުގެ މި ދަތުރުގައި ގިނަ ގޮންޖެހުންތަކަކާ ދިމާވި. އަދިވެސް އެ ގޮންޖެހުންތައް އެ ގޮތުގައި ކޮންމެވެސް ސިފައެއްގައި ހުރިކަން ފާހަގަކޮށްލެވޭ. ހާއްސަކޮށް، މިއުޒިކާ ގުޅުންހުރި އިދާރާތަކުގެ އެއްބާރުލުން ނުލިބުމާއި، އަޅުގަނޑުމެން ކުރަމުން އައި މަސައްކަތްތައް ބަލައިގަތުމުގައި އިދާރާތަކުން ފަސް ޖެހުން އަދި ރެޕް ބަލައިގަންނަން ދެކޮޅު ހެދުން ފާހަގަ ކުރަންޖެހޭ. އެހުރިހާ ގޮންޖެހުމަކާއެކުވެސް، މިއަދުވެސް ސަވައިވަލްއަށް ކުޅެ އަޅުގަނޑުމެން ވާނީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނެސްދީފަ."
"ސިމްބޮލިކް ރެކޯޑްސް" ގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުހައްމަދު (އޭޑީ)

މީގެއިތުރުން އޭޑީ ބުނީ، އިރާދަކުރެއްވިއްޔާ ސިމްބޮލިކްގެ ކުޑައިގެ ދަށުން އިތުރު އާޓިސްޓުން ނެރެ، ދުވަހުން ދުވަހަކަށް ޒަަމާނާއި އެއްގޮތަށް އެ ލޭބަލްގެ ޕްރޮޑަކްޝަންތަކަށް ބަދަލު ގެނެސް، ފޭނުން ބޭނުންވާފަދަ ކޮލިޓީ ޕްރޮޑަކްޓްސްތަކެއް ހުއްޓުމެއްނެތި ނެރެމުންގެންދާނެ ކަމަށެވެ. އަދި ޒަމާނުއްސުރެ ސިމްބޮލިކުން ދަމަހައްޓަމުން އައި "ސިޔާސީ" ނުވުމާއި، "އޮރިޖިނަލިޓީގެ" ސަގާފަތް އެގޮތުގައި ކުރިޔަށް އޮތް ތަނުގައިވެސް ދެމިގެންދާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

މިހާތަނަށް ތަފާތު މަންސަތަކުން ސިމްބޮލިކްގެ ލަވަތައް އަޑުއަހާ އަދި ބަލާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސައުންޑްކުލައުޑްގައި 27.9 މިލިއަން ޕްލޭސް އަދި ޔޫޓިއުބުން 13.3 މިލިއަން ވިއުސްވަނީ ލިބިފައެވެ.

ސައުންޑުކުލައުޑުން ދޭ ނޫފާހަގަ ލިބުނު އެންމެ ފުރަތަމަ ދިވެހި ރެކޯޑް ލޭބަލްއަކީ ސިމްބޮލިކެވެ.