މިއީ މި ފަހަކަށް އައިސް މާލޭގައި ކޮންމެ ރެއަކުހެން އިވޭ އަޑެކެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި، ގުރޫޕު ގުރޫޕުތަކަށް އެއްވެ، އަޑުގަދަކޮށް އަޑުއުފުލާ ބައެއް ފަރާތްތަކުގެ ފޯރި ގެނައުމަށް "އަޑުގަދަކުރާ" ހިފައިގެން ތިއްބަވާ ބައެއް ބޭފުޅުން ގޮވާ ގޮވާލުމެކެވެ.
ދުރުދުރުން މިވާހަކަ ދެއްކުމުގެ ބަދަލުގައި، މިއީ ހައްސާސް، ގިނަބައެއްގެ ކަންބޮޑުވުން ހުރިކަމެއް ކަމުން ތިލަކޮށް މިވާހަކަ ކިޔާދޭން މަސައްކަތް ކުރާނަމެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި، ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާކުރެއްވިކަމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރަނީ "ހަރާމް ހުކުމެއް" ކަމަށާއި، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި މާލޭގެ ކާރޫބާރުބޮޑު މަގުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުން އަންނަކަން ނޭނގޭ ދިވެހި ރައްޔިތަކު ނުހުންނާނެއެވެ.
ރައީސް ޔާމީނަށް ހުކުމްކުރި ދުވަހުން ފެށިގެން، މި މުޒާހަރާތައް ކުރަމުން އާދެއެވެ. އޭގެކުރިން މުޒާހަރާކުރީ، "ރާއްޖޭގައި ތިބި އިންޑިއާ ސިފައިން" މި ގައުމުން ބޭލުމަށް ގޮވައިލާ، "އިންޑިއާ އައުޓް"އޭ ގޮވަމުންނެވެ.
ތެދެކެވެ. ރައްޔިތުންނާމެދު ވެރިން އިހުމާލުވާކަމަށް ގަބޫލުކުރެވޭނަމަ އަދި ގައުމުގެ ކަންކަން ނާއިންސާފުން ހިނގާނަމަ، މުޒާހަރާ ވެސް ކުރަންވީއެވެ. ހަޅުތާލުތައް ވެސް ކުރިއަށް ގެންދަންވީއެވެ. އެހެންނަމަވެސް ތިމާ ދިރިއުޅޭ މާހައުލުގައި އެހެން ރައްޔިތުން ވެސް އުޅޭކަމާއި، ޖޯޝާ ފޯރީގައި ތިމާ ހިންގާ ހަރަކާތެއްގެ ސަބަބުން އަނެކާއަށް އެކަމުގެ ތަކުލީފު އުފުލަން ޖެހިގެން ނުވާނެކަންވެސް ގަބޫލުކުރަންވާނެއެވެ.
ގައުމުގެ ވެރިންނަކީ، ހާއްސަކޮށް ރައީސްކަން ކޮށްފައިވާ ފަރާތްތަކަކީ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތަކަށް ނުވަތަ ތަކުލީފެއް ނުވާނެ ގޮތަކާމެދު ވިސްނާ ބަޔަކަށް ވާނެކަން ޔަގީނެވެ. ރައްޔިތުންދެކެ، ގައުމުދެކެ ލޯބިވާ ވެރިއަކު ކަންކުރާނީ ވެސް އެފަދައިންނެވެ. ތިމާގެ ސަބަބުން ނުވަތަ ތިމާގެ ހައްގުގައި ކުރާ ކަމެއްގެ ސަބަބުން، އާންމު ރައްޔިތުންނަށް އެކަމުގެ އުނދަގޫ ފޯރާކަށް އެފަދަ ވެރިއަކު ނޭދޭނެއެވެ.
އެހެންނަމަވެސް މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކުން ފެންނަނީ އެ މަންޒަރެއް ނޫނެވެ. އެއްވަނީ އެންމެ ބާރުބޮޑުވާހެން ހީވާ މަގުތަކުގެ އެންމެ ބާރުބޮޑުވާ ސަރަހައްދުތައް ބަލައިގެންހެން ވެސް ހީވެއެވެ. ސޯސަން މަގާއި މަޖީދީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތި، މަޖީދީމަގުގެ އެކި ހިސާބުތައް، ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގައި، މަގުމަތި އެންމެ ތޮށްޖެހޭ ވަގުތުތަކުގައި ކޮންމެ ދުވަހަކު މި މުޒާހަރާތައް ކުރިއަށް ގެންދެއެވެ.
ދުވާލު ގަޑީގައި ވަޒީފާއާއި އެހެނިހެން މަސައްކަތުގައި އަވަދިނެތި އުޅުމަށްފަހު، ދެމަފިރިންނާއި އާއިލީ މެމްބަރުން ނުވަތަ ރައްޓެހިންވިޔަސް އެކުގައި ސައިކަލު ނުވަތަ ކާރު ދުއްވާލާ، ހިތްހަމަ ޖައްސާލަން ނުކުންނަ ވަގުތާ ދިމާކޮށެވެ. ޕީޕީއެމް އޮފީސް ކުރިމަތީގައި ބަސް ހުއްޓިއެއް ހުންނައިރު، ބަސް ދަތުރުތަކާއި މަގުމަތީގައި ދުއްވާ ވެހިކަލްތަކާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް އުނދަގޫވާ ގޮތަށެވެ.
ކޮންމެ ރައްޔިތަކަށް ވެސް ޤާނޫނުއަސާސީން އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވެއެވެ. އެހެންނަމަވެސް މި ގާނޫނަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ގަވައިދުގައި، "ސުލްހަވެރިކަމާއެކު" އެއްވެ އުޅުމުގައި، އާންމު ދިރިއުޅުމާއި، ވިޔަފާރިއާއި އެހެނިހެން އިޤްތިޞާދީ ޙަރަކާތްތަކާއި، ހިނގާބިނގާވެ އުޅުމާއި ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމާއި، މިނޫންވެސް ދިވެހިންގެ ޖަމާޢީ އަދި ފަރުދީ ހައްގުތައް ރައްކާތެރިކޮށް، އިހުތިރާމްކުރާ ގޮތެއްގެ މަތިން އެއްވެ އުޅުމުގެ މިނިވަންކަން ލިބިދޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
ސުވާލަކީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުންހިފައިގެން ކުރިއަށްގެންދާ މި މުޒާހަރާތައް ނުވަތަ އެއްވުންތަކުގައި، އެހެން ބައެއްގެ މިނިވަންކަމާއި ހައްގުތަކަށް އިހްތިރާމްކޮށް ރައްކާތެރިކުރޭތޯ، މިއީއެވެ. މި މުޒާހަރާތައް ހަމަލޮލުން ފެނުނު ކޮންމެ މީހަކު ވެސް މިކަމާ ދެކޮޅު ހަދާނެއެވެ.
މުޒާހަރާތައް ނުވަތަ މި އެއްވުންތައް ކުރިއަށް ގެންދަނީ ކާރޫބާރު ބޮޑު މަގުތަކުގައި، މަގު މެދުގައެވެ. ދަތުރުކުރާ ވެހިކަލްތަކާއި، ހިނގާފައި އުޅޭ މީހުންނަށް އެކަމުގެ އުނދަގޫވާ ގޮތަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި، ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ "ބޭރު މަގުގައި"، ޕަބްލިކް ޓްރާންސްޕޯޓަށް ބުރޫ އަރާ ގޮތަށެވެ. މަގުގެ އެއް ލޭން އެއްކޮށް ބަންދުކޮށްގެންނެވެ.
ހިތާމައަކީ، މި އެއްވުންތައް ލީޑުކުރައްވައި ނުވަތަ "މެގަފޯން" ހިއްޕަވައިގެން އެއްވުންތަކުގެ ބައިވެރިންނަށް، އެއްވުން ކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދުދޭ ފަރާތްތަކުން، "ފޭމަންޓު މަތީގައި ނުތިބެ، މަގުމައްޗަށް ހުރިހާ ބޭފުޅުން ވެސް ފައިބާ"އޭ ގޮވައި، އާންމު ރައްޔިތުންގެ ހައްގާއި، "މިނިވަންކަމަށް" ހުރަސް އަޅާތީއެވެ. މިފަދައިން ގޮވާ މަންޒަރު ފެންނަ ވީޑިއޯއާއި އަޑު، "ވީނިއުސް"އަށް ލިބިފައިވެއެވެ. އެ އަޑުތައް "ވީނިއުސް"ގެ ނޫސްވެރިންނާއި އެ ސަރަހައްދުގައި އުޅޭ އާންމުންގެ ކަންފަތަށް ވެސް އިވިފައިވެއެވެ.
މިފަދައިން އަމަލު ނުކޮށް ވެސް އެއްވުންތަކާއި މުޒާހަރާތައް ބޭއްވޭނެއެވެ. ހިތްހަމަ ނުޖެހިގެން އުޅެނީ އާންމު ރައްޔިތުންދެކެ ނޫންތާއެވެ. ހިތްހަމަ ނުޖެހިގެން އުޅެނީ ސިޔާސީ ވެރިންނާއިމެދު ނޫންތޯއެވެ؟ މި މުޒާހަރާތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް އެކަމުގެ ތަކުލީފު ޖައްސާން ވާނެބާއެވެ؟
"ތިމާގެ މިނިވަންކަން ފެށޭ ހިސާބަކީ، އަނެކާގެ މިނިވަންކަން ނިމޭ ހިސާބަށް" ނުހަދަމާތޯއެވެ. ފަސް އަހަރު ދުވަހު ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް އެތައް ހިދުމަތެއްކޮށްދިން ލީޑަރު، ރައީސް ޔާމީން ވެސް ހަމަ ގައިމު ވެސް، އާންމު ރައްޔިތުން މިފަދަ އުނދަގުލަކާ ކުރިމަތިލާން ބޭނުން ނުވާނެކަން ޔަގީނެވެ.