ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު'ގެ ދަށުން ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.
އެ ފަންޑުގެ ދަށުން ހުޅުދެލީގައި ވަނީ މަސްކެނޑުމަށް ހާއްސަތަނެއް ގާއިމްކޮށްފައެވެ. ބީއެމްއެލްއިން ބުނީ، މިއީ މަސްވެރިންގެ އިތުރުން ހުޅުދެލީގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވިފައިވާ މަސްކަނޑާތަނެއް ކަމަށާއި، އެތަން ފަރުމާކޮށްފައިވަނީ ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް ބޭނުންކުރެވޭނެ ގޮތަށް ކަމަށެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ހުޅުދެލީ އައިލެންޑް ސޮސައިޓީ އެންޑް ސްޕޯރޓްސް އެސޯސިއޭޝަން އިން ކަމަށް ވެސް ބީއެމްއެލުން މައުލޫމާތުދެއެވެ.
މީގެއިތުރުން، ލ. މުންޑޫގެ ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް ހާއްސަ ތަނެއްވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން ވަނީ ގާއިމްކޮށްފައެވެ. އެ ތަނުގައި ހަޓެއް ހަދައި ލަކުޑި ބެންޗްތައް ބަހައްޓާފައިވާއިރު، ދަތުރުވެރިން މަޑުކޮށްލުމަށްޓަކައި ހިޔާވެވޭހެން ފަރުމާކޮށްފައިވާ ތަނެއް ކަމަށް ބީއެމްއެލުން ބުނެއެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިންނެެވެ.
ލ. ފޮނަދޫގައި ހުންނަ ލ.އަތޮޅު ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމެއް ޑިޖިޓައިޒްކުރުމުގެ ގޮތުންވަނީ ޓީވީ ބަހައްޓާފައެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ވިމެން އެންހޭންސްމަންޓްގެ ފަރާތުންނެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް އެ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.