ދައުލަތުގެ އިދާރާތަކުގައި ކްރެޑިޓް ކާޑު ބޭނުންކޮށްގެން މާލީ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް އުސޫލެއް އެކުލަވާލައި، އަމަލުކުރަން ފަށައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެކުލަވާލި މި އުސޫލުގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުއާމަލާތްތައް އިންޓަނެޓް ބޭންކިން ނޫން ގޮތްގޮތަށް ކުރެވެން ނުހުންނަ ހާލަތްތަކުގައި، މާލީ މުއާމަލާތްތައް ކުރުމުގެ ފުރުސަތުގެ އެއޮފީސްތަކަށް ފަހިކޮށްދިނުމެވެ.
ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުގައި ބަޔާންކޮށްފައިިވާ ގޮތުން ދައުލަތުގެ އިދާރާއަކުން ކްރެޑިޓް ކާޑެއް ހައްދަން ބޭނުންނަމަ ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެދި ފިނޭންސް މިނިސްޓްރީއަށް ފޯމު ހުށައަޅަންޖެހެއެވެ. އަދި އެ ފޯމާއިއެކު އެ ކާޑު ދޫކުރާ ފައިނޭންޝަލް އިންސްޓިއުޓުގެ މައުލޫމާތު ފޯމާއި، ނޮމިނީންގެ އައިޑީކާޑު ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައިވެއެވެ.
އެހެންނަމަވެސް، ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކައުންސިލްތަކުން ކްރެޑިޓް ކާޑަށް އެދި ހުށައަޅަންޖެހޭނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިކާޑްތަކަށް ހުއްދަދީ ފައިނޭންޝިއަލް އިންސްޓިއުޓްއަށް ހުށައަޅާނީ ފިނޭންސް މިނިސްޓަރގެ ހުއްދަ ލިބުމުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ދައުލަތުގެ އިދާރާތަކަށް ދޫކުރާ މިކްރެޑިޓް ކާޑުތަކުން ކުރާ ހަރަދުތަކަކީ މާލިއްޔަތު ގަވާއިދުގެ ދަށުން ބަޖެޓު ކުރެވިފައިވާ ހަރަދުތަކަށްވާންޖެހެއެވެ. އެގޮތުން މިކާޑުތަކުން ކުރާ ހަރަދުތަކުގެ ތަފްސީލު މިނިސްޓްރީން ހުށައަޅަންޖެހޭ ކަމަށް ގަވައިދުގައިވެއެވެ.
ދައުލަތުގެ އިދާރާތަކަށް ދުކުރާ ކޯޕަރޭޓް ކްރެޑިޓް ކާޑުތަކުގެ ލިމިޓް ކަނޑައަޅާނީ ފިނޭންސް މިނިސްޓަރެވެ. އެހެންކަމުން ކަނޑައަޅާފައިވާ ލިމިޓަށްވުރެ އިތުރަށް ހަރަދުކުރާނަމަ ފިނޭންސް މިނިސްޓްރީއަށް ލިޔުމުން އަންގަންޖެހެއެވެ.
މިނިސްޓްރީން ބުނީ، ކްރެޑިޓް ކާޑެއް ގެއްލި ހަލާކުވެ ނުވަތަ ކާޑުން ގޮތް ނޭނގޭ ޓްރާންސެކްޝަންތަކެއް ހިނގާނަމަ އެކަން އެއިދާރާއެއްގެ އިސްވެރިން މެދުވެރިކޮށް މިނިސްޓްރީއަށް އަންގަން ޖެހޭނެ ކަމަށާއި، ގަވާއިދާ ހިލާފަށް މިކާޑު ބޭނުންކުރާނަމަ އެއިދާރާއަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.