ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްހުރި ފުރުސަތުތައް މަދުކަމަށް ވިދާޅުވެ، ސްރީލަންކާގެ ފަތުރުވެރިކަމާބެހޭ ވަޒީރު ހަރިން ފެނާންޑޯ މަލާމާތްކުރާ މޭރުމަކުން ވާހަކަފުޅުދައްކަވައި ފާޑުވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ، ޖަރުމަނުވިލާތުގައި ކުރިއަށްދިޔަ އަ.އި.ޓީ.ބީ ބާލިން 2023 ފެއަރ ގައި، ލަންކާގައި ހުރި ފަތުރުވެރިކަމުގެ ފުރުސަތުތަކުގެ ވާހަކަދައްކަވައި، އެ ގައުމުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ތެރެއިންނެވެ.
ލަންކާއަކީ، ދެ ގަޑިއިރެއްހާއިރުގެ ރާސްތާއަކުން، އެއްގަމު މަގުން ވެހިކަލެއްގައި ހަތަރު މޫސުން ތަޖުރިބާކާރު ކޮށްލެވޭ ގައުމެއްކަމަށް ހަރިން ފެނާންޑޯ ވިދާޅުވިއެވެ. އެގޮތުން އަށް ޑިގްރީއާއި 10 ޑިގްރީ ސެލްޝިއަސްއާ ދެމެދުގައި ފިނިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތާއި، ހޫނު މޫސުމުގައި ބީޗުތަކުގައި އުފާ ހޯދުމުގެ ފުރުސަތު ލަންކާއިން ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ފަރުބަދައަށް އެރުމާއި، ހައިކިން ފަދަ ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ލަންކާއަށް ދަތުރުކުރާ ފަތުރުވެރިންނަށް ލިބޭކަމާއި، ޔޯގާއާއި އަޔުރްވެދިކް ޓްރީޓްމަންޓު ހޯދުމަށް ވެސް ލަންކާއަކީ ތަފާތު ގައުމެއް ކަމާއި، ޖަރުމަނުވިލާތުން ވެސް އެފަދަ ކަންކަމަށް ފަތުރުވެރިން އަންނަކަން މިނިސްޓަރު ހަރިން ފެނާންޑޯ ފާހަގަކުރެއްވިއެވެ.
ސްރީ ލަންކާއަކީ ހަމައެކަނި ބީޗުތަކުގެ ރީތިކަމަށް ބަރޯސާވެގެން ފަތުރުވެރިކަން ކުރާނެ ގައުމެއް ނޫން ކަމަށާއި، ބީޗުތަކުގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމަށް ފަތުރުވެރިން ދިވެހިރާއްޖެ އަންނަކަމަށް ހަރިން ވިދާޅުވިއެވެ. އެހެންނަމަވެސް، ފަސް ވަރަކަށް ދުވަހު ބީޗެއްގައި ހޭދަކުރަން ޖެހުމުން، ބީޗު މަތިން ވެސް ފޫހިވާނެ ކަމަށާއި، ސްރީލަންކާގައި ބީޗުގެ އިތުރުން ވެސް ފަތުރުވެރިން ފޫހިނުވާނެ ފަދަ ތަފާތު ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށް ވިދާޅުވެ، ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ފުރުސަތުތައް މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.
ދޮން ވެލީގެ ގޮނޑުދޮށްތަކާއި، ބިއްލޫރިހާ ސާފު މޫދުތަކުގެ ޗާލުކަން ބަލާލުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ރެކޯޑު އަދަދަކަށް ފަތުރުވެރިން އާދެއެވެ. ދިވެހިންގެ ހިތްހެޔޮކަމާއި، ރިސޯޓުތަކާއި އެނޫންވެސް ފަތުރުވެރިކަމުގެ ހިދުމަތްދޭ އެހެނިހެން ތަންތަނުންދޭ ހިދުމަތްތަކުގެ ފެންވަރާއި، ގެންގުޅޭ ސްޓޭންޑާޑަކީ މުޅި ދުނިޔެ ވެސް މިސާލެއްގެ ގޮތުގައި ބަލާ ކަންކަމެވެ.
އެއް ފަހަރު ރާއްޖެ އަތުވެއްޖެ ފަތުރުވެރިއަކު ދެވަނަ ފަހަރަށް ވެސް އަދި އެއަށްވުރެ ގިނައިން ވެސް ރާއްޖެ އަންނަން ބޭނުންވާ ސަބަބަކީ އެއީ ކަމަށް ވެދާނެއެވެ.
މިކަމުގެ އެއް ހެއްކަކީ، މިދިޔަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފި ފަތުރުވެރިންގެ އަދަދު ވެސް ހާސިލްކުރެވުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް 1،675،303 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި އަހަރަށް ރާއްޖެއިން އަމާޒުހިފާފައި ވަނީ، 1.8 މިލިއަން ފަތުރުވެރިން ގެނެސް ޓޫރިޒަމްގެ ރެކޯޑެއް ހެދުމަށެވެ.
ހުސްވި ފެބްރުއަރީ މަހު އެކަނިވެސް ރާއްޖެއަށް 177،914 ފަތުރުވެރިން ޒިޔާރާތްކުރިއިރު، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މިއަހަރު 350،413 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،225 ތަނަކަށް ވަނީ ހުއްދަ ދީފައެވެ. އޭގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ، 1،221 ތަނަކުންކަމަށް ވާއިރު، އެއީ 168 ރިސޯޓާއި، 13 ހޮޓަލާއި، 886 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީއެވެ.