މިއަހަރުގެ ފެބުރުވަރީމަހު މީރާއަށް 1.72 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 18.6 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް މިއަހަރުގެ ފެބުރުވަރީމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 20.8 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ފެބުރުވަރީ 2022 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ފެބުރުވަރީ 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

އަދި ޖަނަވަރީ 2022 އާއި އަޅައިބަލާއިރު، ޖަނަވަރީ 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 30.9 އިންސައްތައަށް އިތުރުވެފައިވުމާއި، 1 ޖަނަވަރީ 2023 އިން ފެށިގެން ޖީ.އެސް.ޓީ ރޭޓް ބޮޑުވުވުމަކީ ފެބުރުވަރީ މަހު ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު ލިބުނު އާމްދަނީއާ އަޅާކިޔާއިރު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމުގައިވެސް މީރާއިން މައުލޫމާތުދެއެވެ.

ފެބުރުވަރީ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފެބްރުވަރީ މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ ދަށްވުންކަމުގައި މީރާއިން މައުލޫމާތުދެއެވެ.

ފެބުރުވަރީމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 1.18 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. 182.04 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 91.87 މިލިއަން ރުފިޔާ އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 98.55 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ފެބުރުވަރީމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 73.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.