ރާއްޖޭގައި ފަތުރުވެރިންނަށް ލިބިފައިވަނީ "ލިމިޓެޑް އޮޕްޝަންސް" ތަކެއްކަމަށް ވިދާޅުވެ ސްރީލަންކާގެ ފަތުރުވެރިކަމާބެހޭ ވަޒީރު ހަރިން ފެނާންޑޯ މަލާމާތްކުރާ މޭރުމަކުން ވާހަކަފުޅުދައްކަވައި ފާޑުވިދާޅުވެފައިވާތީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް އެކަމަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.
ޖަރުމަނުވިލާތުގައި ކުރިއަށްދިޔަ އަ.އި.ޓީ.ބީ ބާލިން 2023 ފެއަރ ގައި، ލަންކާގައި ހުރި ފަތުރުވެރިކަމުގެ ފުރުސަތުތަކުގެ ވާހަކަދައްކަވަމުން ހަރިން ވިދާޅުވީ، ލަންކާއަކީ، ދެ ގަޑިއިރެއްހާއިރުގެ ރާސްތާއަކުން، އެއްގަމު މަގުން ވެހިކަލެއްގައި ހަތަރު މޫސުން ތަޖުރިބާކާރު ކޮށްލެވޭ ގައުމެއް ކަމަށެވެ. އަދި ފަރުބަދައަށް އެރުމާއި، ހައިކިން ފަދަ ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތުގެ އިތުރުން، ޔޯގާއާއި އަޔުރްވެދިކް ޓްރީޓްމަންޓު ހޯދުމަށް ވެސް ލަންކާއަކީ ތަފާތު ގައުމެއްކމަަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ލަންކާއަކީ ހަމައެކަނި ބީޗުތަކުގެ ރީތިކަމަށް ބަރޯސާވެގެން ފަތުރުވެރިކަން ކުރާނެ ގައުމެއް ނޫން ކަމަށާއި، ބީޗުތަކުގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމަށް ފަތުރުވެރިން ދިވެހިރާއްޖެ އަންނަކަމަށް ހަރިން ވިދާޅުވިއެވެ. އެހެންނަމަވެސް، ފަސް ވަރަކަށް ދުވަހު ބީޗެއްގައި ހޭދަކުރަން ޖެހުމުން، ބީޗު މަތިން ވެސް ފޫހިވާނެ ކަމަށާއި، ސްރީލަންކާގައި ބީޗުގެ އިތުރުން ވެސް ފަތުރުވެރިން ފޫހިނުވާނެ ފަދަ ތަފާތު ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށް ވިދާޅުވެ، ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ފުރުސަތުތައް މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ދިވެހިންގެ އިތުރުން ލަންކާގެ ރައްޔިތުންގެ ފާޑުކިޔުން ވެސް ވަޒީރު ހަރިންއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރު މައުސޫމް ކުރެއްވި ޓުވީޓެއްގައި ވަނީ، ފާއިތުވި ތިން އަހަރު ވެސް ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަންގެ މަގާމު ހޯދާފައި ވަނީ ދިވެހިރާއްޖެއިންކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަކީ ދެވަނަ ފަހަރަށް ވެސް އަންނަން މަޖުބޫރުވާފަދަ ފުރިހަމަ ތަނަކަށް ހެދުމަށް ރިސޯޓު ޑިވެލޮޕަރުނާއި ޚިދުމަތްދޭ މީހުން ކުރާ މަސައްކަތަށް މިނިސްޓަރު ޝުކުރުއަދާކުރެއްވިއެވެ.
މައުސޫމް ވަނީ މިކަންކަމާ ހަސަދަވެރިވާނަމަ ނުވަތަ ޝައްކު ކުރެވޭނަމަ ލޯގަނޑެއް ކުރިމަތީގައި އެ ސުވާލު ތަކުރާރުކުރަން ވިދާޅުވެ، ހަރިންއަށް ނުސީދާ ރައްދެއް ދެއްވާފައެވެ.
ދޮން ވެލީގެ ގޮނޑުދޮށްތަކާއި، ބިއްލޫރިހާ ސާފު މޫދުތަކުގެ ޗާލުކަން ބަލާލުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ރެކޯޑު އަދަދަކަށް ފަތުރުވެރިން އާދެއެވެ. ދިވެހިންގެ ހިތްހެޔޮކަމާއި، ރިސޯޓުތަކާއި އެނޫންވެސް ފަތުރުވެރިކަމުގެ ހިދުމަތްދޭ އެހެނިހެން ތަންތަނުންދޭ ހިދުމަތްތަކުގެ ފެންވަރާއި، ގެންގުޅޭ ސްޓޭންޑާޑަކީ މުޅި ދުނިޔެ ވެސް މިސާލެއްގެ ގޮތުގައި ބަލާ ކަންކަމެވެ.
ހުސްވި ފެބްރުއަރީ މަހު އެކަނިވެސް ރާއްޖެއަށް 177،914 ފަތުރުވެރިން ޒިޔާރާތްކުރިއިރު، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މިއަހަރު 350،413 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،225 ތަނަކަށް ވަނީ ހުއްދަ ދީފައެވެ. އޭގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ، 1،221 ތަނަކުންކަމަށް ވާއިރު، އެއީ 168 ރިސޯޓާއި، 13 ހޮޓަލާއި، 886 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީއެވެ.