ކޮންމެ މަހަކު މުދަލުގެ އަގުހުރި ނިސްބަތް ބެލުމަށް ހަދާ ކޮންޒިއުމަ ޕްރައިސް އިންޑެކްސް (ސީޕީއައި) ގައި ބޭނުން ކުރަނީ 2016 ވަނަ އަހަރު ހެދި ސާވޭއަކުން ފާހަގަވި މުދަލާއި އޭގެ އަގުތައްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ކުރެއްވި ސުވާލުގައި ވަނީ، ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުރީ ކިހާ ހިސާބެއްގައިތޯ އަދި ކޮންޒިއުމާ ޕްރައިސް އިންޑެކްސް ކަލްކިއުލޭޓުކުރުމުގައި ޕެޓްރޯ ކެމިކަލް އުފެއްދުންތަކަށް ދީފައިވާ ވެއިޓަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވަނީ، ރާއްޖޭގެ އިންފްލޭޝަން މިހާރު ހިސާބުކުރަމުންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު އެކުލަވާލާފައިވާ ސީޕީއައި އަކީ 2016 ވަނަ އަހަރުގެ "ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ" ސާވޭގައި ގޭބިސީތަކުގެ ހަރަދަށް ބިނާކޮށް ހޮވާލެވިފައިވާ މުދަލާއި ހިދުމަތުގެ އަގުތައް ހިމަނައިގެން ތައްޔާރުކުރެވިފައިވާ އިންޑެކްސްއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަމީރު ވިދާޅުވެފައިވާ ގޮތުގައި ކޮންމެ މަހަކު އެއްފަހަރު ސީޕީއައި އެކުލަވާލުމަށް އެމްބީއެސް އިން މާލޭގެ އިތުރުން އަތޮޅުތެރޭގެ ހަތަރު ރަށަކުން 9،500 އަށްވުރެ ގިނަ އަދަދެއްގެ އަގުތައް ނަގައެވެ. އަދި އެ އިދާރާއިން ކޮންމެ މަހަކު އެއްފަހަރު މާލެ، އަތޮޅުތައް އަދި މުޅި ރާއްޖޭގެ ސީޕީއައި އެކުލަވާލާ ޝާއިއުކުރާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.