މި ސަރުކާރުން ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރި ފަރެސްމާތޮޑާ ޑޮމެސްޓިކް އެއާޕޯޓް އަންނަ ބުދަ ދުވަހު ރަސްމީކޮށް ހުޅުވާނެކަމަށް ފަރެސްމާތޮޑާ ކައުންސިލުން ހާމަކޮށްފިއެވެ.
މިކަމާގުޅިގެން "ވީނިއުސް"އަށް މައުލޫމާތުދެއްވަމުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުކަމަށްވާއިރު، އެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
މީގެއިތުރުން، އެއާޕޯޓު ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ބާވާނެ ކަމަށާއި، އެކަމަށް ތައްޔާރުވުމުގެ ގޮތުން މިހާރު އެއަރޕޯޓްގެ އިންތިޒާމްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ، އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ރަށުގެ ހުރިހާ ރައްޔިތުންވެސް އެކަމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ. އަދި ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުން، ރައްޔިތުން ވަރަށް ބޮޑު ތަކުލީފަކުން ސަލާމަތްވާނެކަމަށް ވެސް އިމްތިޔާޒް ވިދާޅުވިއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމުގެ ކުރިން ބާއްވާ ފުރަތަމަ ޓެސްޓް ފްލައިޓް މިއަދު ހަވީރު ފަހެއްޖަހާއިރު އެ ރަށަށް ޖައްސާނެކަން ވެސް އިމްތިޔާޒް ވަނީ ހާމަކޮށްފައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަށް ޖައްސާ ފުރަތަމަ ޓެސްޓް ފްލައިޓަކީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. ބޯޓު މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:50 ހާއިރުއެވެ. އަދި އެ މަތިންދާބޯޓް ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ ހަވީރު 5:05 ގައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓްގެ ޓަރމިނަލަކީ ސަރުކާރުން އަތޮޅުތަކުގައި ތަރައްގީކޮށްފައިވާ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ތަފާތު ޑިޒައިނަށް ފަރުމާކޮށްފައިވާ އެންމެ ހިތްގައިމު އެއް ޓަރމިނަލެވެ. އަދި ޓަމިނަލްގެ އެތެރެވެސް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސް ރީތި ފަރުމާއަކަށެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަކީ މި ސަރުކާރުން ތަރައްޤީކޮށް ހުޅުވާ ދެވަނަ އެއަރޕޯޓެވެ. މިއީ އެތެރެގޭ އުދުހުންތަކަށް ހާއްސަ އެއަރޕޯޓެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން ތަރައްގީކުރި މި އެއާޕޯޓްގެ މަސްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ.
މި އެއާޕޯޓުގައި 1،200 މީޓަރުގެ ދިގު ރަންވޭއެއް ވަނީ ތަރައްގީކޮށްފައެވެ. އެމްޓީސީސީއާ މިމަޝްރޫއު ހަވާލުކުރީ 144.8 މިލިއަން ރުފިޔާއަށެވެ. އެކުންފުނިން މިއެއާޕޯޓްގެ އަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގައެވެ.