ބަނގްލަދޭޝްގައި ރޮހިންގާ މުސްލިމް ރެފިއުޖީ ކޭމްޕްގައި މިމަހުގެ 5 ވަނަ ދުވަހު ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާއަކީ އެ ކޭމްޕަށް ގެއްލުން ދިނުމުގެ ބޭނުމުގައި ބަޔަކު ގަސްދުގައި ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް، މި ހާދިސާ ތަހްގީގުކުރި 7 މެމްބަރުންގެ ޕެނަލުން ބުނެފިއެވެ.
ޕެނަލްގެ ވެރިޔާ އަބޫ ސުފިޔާން ވިދާޅުވީ، ރެފިއުޖީ ކޭމްޕްގެ އެތައް ދިމާއެއްގައި އެއްފަރާ އެއް ވަގުތެއްގައި އަލިފާން ރޯވެ އަނދަން ފެށިކަން ތަހްގީގަށް އެނގިފައިވާ ކަމަށެވެ. އެކަމުންވެސް މިއީ، ގެއްލުން ދިނުމުގެ މަގްސަދުގައި ބަޔަކު ރާވައިގެން ހިންގި އަމަލެއްކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަނގްލަދޭޝް ސަރުކާރުގެ 7 މެމްބަރުންގެ ޕެނަލުންވަނީ، މަންޒަރުދުށް 150 މީހަކު ދިން މައުލޫމާތު ދިރާސާކޮށްފައެވެ.
އެގޮތުން، އެ ޕެނަލުން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ، ރެފިއުޖީ ކޭމްޕްގައި ހުޅުޖަހާފައިވަނީ، ރެފިއުޖީ ކޭމްޕްގެ ތެރޭގައި ހަންފަތުރަން މަސައްކަތްކުރާ ހަތިޔާރުއެޅި ގްރޫޕްތަކުން ކަމަށެވެ. ނަމަވެސް، އެއީ ކޮން ގްރޫޕްތަކެއް ކަމެއް ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް، ރެފިއުޖީ ކޭމްޕްގައި ހުޅުޖެހި ގްރޫޕްތައް ދެނެގަތުމަށް ތަހްގީގުތައް ފެށުމަށް ގާނޫނީ އިދާރާތަކަށް ޕެނަލުން ގޮވާލާފައި ވެއެވެ.
މިމަހުގެ 5 ވީ އާދީއްތަދުވަހު އަލިފާން ރޯވެ އަނދާފައިވަނީ، ބަނގްލަދޭޝްގެ ކޮޒް ބަޒާރުގައި ރޮހިންގާ މުސްލިމުން ދިރިއުޅޭ ރެފިއުޖީ ކޭމްޕްގައެވެ.
މިހާދިސާގައި މީހެއްގެ ފުރާނައަށް ގެއްލުން ނުލިބުނު ނަމަވެސް، ގާތްގަނޑަކަށް 2،800 ޖިފުޓި އަނދައި ހުލިވިއެވެ. އަދި ރެފިއުޖީންނަށް ބޭސްފަރުވާގެ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި، މިސްކިތްތަކާއި، ކިޔަވައިދޭ ތަންތަން ހިމެނޭހެން 90 ވަރަކަށް ތަން އަނދައި ހުލިވިއެވެ.
އަލިފާނުގެ ސަބަބުން 12،000 އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ރެފިއުޖީ ކޭމްޕްގައި މިލިއަނަކަށްވުރެ ގިނަ ރޮހިންގާ މުސްލިމުން ދިރިއުޅެއެވެ. އެމީހުން ދިރިއުޅޭ ޖިފުޓިތައް ހަދާފައި ހުންނަނީ އޮނާއި، ތުނި ޕްލާސްޓިކް ޝީޓުތައް ބޭނުންކޮށްގެންނެވެ.
ރޮހިންގާ މުސްލިމުންނަކީ ޖެހިގެން އޮތް މިޔަންމާއަށް ނިސްބަތްވާ މީހުންނެވެ.
އެމީހުން ރެފިއުޖީންގެ ގޮތުގައި ބަނގްލަދޭޝްއަށް ގޮސްފައިވަނީ މިޔަންމާގެ ސިފައިންނާއި، ބުދިސްޓުންގެ އަނިޔާވެރިކަމަށް ކެތް ނުކުރެވިގެންނެވެ.
މިޔަންމާ ސިފައިން މުސްލިމުން މަރައި، ގެތަކާއި، މިސްކިތްތަކާއި، އަވަށްތަކުގައި ހުޅުޖަހަން ފެށުމުން 2017 ވަނަ އަހަރު އެކަނިވެސް 740،000 މުސްލިމުން ފުރާނައިގެ ސަލާމަތަށް، ފިލައިގެން ބަނގްލަދޭޝްއަށް އެތެރެވިއެވެ.