ފިލްމީ ދާއިރާގައި ދުނިޔޭގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑްކަމުގައިވާ އޮސްކާގެ ބެސްޓް އެކްޓްރެސް އެވޯޑް ފުރަތަމަ ފަހަރަށް އޭޝިޔާގެ ތަރިއަކަށް ލިބިއްޖެއެވެ.
ސިންގަޕޫރު އަދި މެލޭޝިޔާގެ ގަޑިން މިއަދު ހެނދުނު ބޭއްވި އެކަޑެމީ އެވޯޑްސްގެ ކުލަގަދަ ހަފްލާގައި، ބެސްޓް އެކްޓްރެސްގެ އެވޯޑް ލިބުނު އޭޝިޔާގެ ތަރިއަކީ މެލޭޝިޔާގެ ތަރި، އުމުރުން 60 އަހަރުގެ މިޝޭލް ޔޯއެވެ.
މިޝޭލް ޔޯއަށް ބެސްޓް އެކްޓްރެސްގެ އޮސްކާ ލިބުނީ، ސައި-ފައި ކޮމެޑީ ފިލްމް "އެވްރީތިންގ އެންވީވެއަރ އޯލް އެޓް ވަންސް" ގައި އޭނާ ކުޅުނު އެވްލީން ވަންގްގެ ރޯލަށެވެ. މި އެވޯޑަށް އޭނާއާ މޝްހޫރު އިތުރު 4 ތަރިން ނޮމިނޭޓްވިއެވެ.
ފިލްމުގައި އޭނާ ކުޅެފައިވަނީ، ލޯންޑަރީއެއް ހިންގާ ޗައިނާ އިމިގްރަންޓަކު ޓެކްސްގެ މައްސަލަތަކުން އަރައިގަތުމަށް ކުރާ މަސައްކަތެވެ.
އޮސްކާ އެވޯޑާ ހަވާލުވުމަށްފަހު ސްޓޭޖްގައި ހުރެ މިޝޭލް ޔޯ ވަނީ، އޭނާއަށް ލިބުނު އެވޯޑް، އޭނާގެ މަންމައަށާއި، ދުނިޔޭގެ ހުރިހާ މައިންނަށް ޑެޑިކޭޓްކޮށްފައެވެ.
މިޝޭލް ޔޯގެ އިތުރުން، ފިލްމުގައި އޭނާއާއެކު ހަރަކާތްތެރިވި އެހެން ބައެއް މީހުންވެސް އޮސްކާގެ އެވޯޑްތަކަށް ނޮމިނޭޓްވިއެވެ. އޭތެރެއިން، ބެސްޓް ސަޕޯޓިންގ އެކްޓަރުގެ އޮސްކާ އެވޯޑް ލިބުނީ ކޭ ހައި ކުއަންއަށެވެ. ބެސްޓް ސަޕޯޓިންގ އެކްޓްރެސްގެ އޮސްކާ އެވޯޑް ލިބުނީ ޖެމީ ލީ ކާރޓިސްއަށެވެ.
"އެވްރީތިންގ އެންވީވެއަރ އޯލް އެޓް ވަންސް" ފިލްމް، ޖުމްލަ 7 އެވޯޑް ކާމިޔާބުކުރިއެވެ. އޭތެރޭގައި، ބެސްޓް ޕިކްޗަރ، ބެސްޓް ޑިރެކްޓަރ، ބެސްޓް ފިލްމް އަދި ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ އެވޯޑް ހިމެނެއެވެ.
މިޝޭލް ޔޯ ހޯދި ޝަރަފްވެރި ކާމިޔާބީއާ ގުޅިގެން އެންމެ ބޮޑަށް އުފާފާޅުކުރަމުން ގެންދަނީ މެލޭޝިޔާގެ އާންމުންނާއި، މެލޭޝިޔާގެ ސިޔާސީ ލީޑަރުންނެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އޭނާގެ ފޭސްބުކްގައި ޕޯސްޓްކުރެއްވި މެސެޖެއްގައި، މިޝޭލް ޔޯއަށް ތަހްނިޔާ ވިދާޅުވެ، އޭނާގެ ފިލްމީ މަސައްކަތްތަކަށް ތައުރީފް ކުރައްވާފައި ވެއެވެ.
މެލޭޝިޔާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރާއި، ޕާލަމެންޓް މެމްބަރުންނާއި، އެތައްހާސް އާންމުން ސޯޝަލް މީޑިއާ މެދުވެރިކޮށް މިޝޭލް ޔޯއަށް ތަހްނިޔާ ކިޔައި ތައުރީފް ކުރަމުން އެބަގެންދެއެވެ.
މިޝޭލް ޔޯ މީގެކުރިންވަނީ، އެހެން ފިލްމް އެވޯޑްސްތަކުގައި ބެސްޓް އެކްޓްރެސްގެ ޓްރޮފީތައް އުފުލާފައެވެ. އޭގެތެރޭގައި، ސްކްރީން އެކްޓަރސް ގިލްޑް އެވޯޑްއާއި، ގޯލްޑަން ގްލޯބްސްއާއި، އެސްއޭޖީ އެވޯޑްސް ހިމެނެއެވެ.
މިޝޭލް ޔޯއަކީ މެލޭޝިޔާގެ ޗައިނީސް ނަސްލުގެ ތަރިއެކެވެ.