ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރ ހަރިން ފެނާންޑޯ މައާފަށް އެދިވަޑައިގެންފިއެވެ.
ހަރިން ފެނާންޑޯ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކަތަކުގެ ސަބަބުން އުފެދުނު ނުތަނަވަސްކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރާއްޖެއާއި ސްރީލަންކާއަކީ ފަތުރުވެރިކަމުގައި ގުޅިގެން މަސައްކަތްކުރާ ދެގައުމު ކަމަށްވެސް ފެނާންޑޯ ވިދާޅުވިއެވެ.
ނިމިގެންދިޔަ އައިޓީބީ ބާރލިން ފެއަރގެ ތެރޭގައި ސްރީލަންކާގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ތެރެއިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރ ހަރިން ފެނާންޑޯ ވިދާޅުވެފައިވަނީ، ފަތުރުވެރިން ރާއްޖޭގައި 5 ވަރަކަށް ދުވަސް ހޭދަކުރާނަމަ އިރުގެ ހޫނުކަމާއި، ދޮންވެލި ގޮނޑުދޮށް ނޫން އެއްޗެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި ސްރީލަންކާގައި ފަތުރުވެރިންނަށް އެތައް ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.
ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރ ހަރިން ފެނާންޑޯ ދެއްކެވި ވާހަކަތާ ގުޅިގެން ސްރީލަންކާގެ ސޯޝަލް މީޑިއާގައި އެތައްބަޔަކު، ދިވެހީންގެ ކިބައިން މައާފަށް އެދި މިނިސްޓަރ ފެނާންޑޯއަށް ނުރުހުން ފާޅުކޮށް ފާޑުކިޔަމުން އެބަގެންދެއެވެ.
ބައެއް މީހުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި، ސްރީލަންކާގެ ފަތުރުވެރިކަމާ އަޅާކިޔޭނެ ނުވަތަ އެއްގޮތްކަމަށް ކިޔޭނެ އެއްވެސް ހަމައެއް ނެތް ކަމަށާއި، ދެގައުމުގައިވެސް ވަނީ ދެ ގައުމުގެ އަމިއްލަވަންތަކަން ކަމަށެވެ.
މިނިސްޓަރަށް ބަހުގެ ހަމަލާދިން އެކަކު ބުނެފައިވަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ވަނީ ނުހަނު ކުރިއަރައިގެން ގޮސްފައި ކަމަށާއި، ދިވެހިރާއްޖޭގެ ކިބައިން ސްރީލަންކާ ދަސްކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.
އެކަކު ބުނެފައިވަނީ، އެތިކަލް މާކެޓިންއާއި، ޑިޕްލޮމަސީއަކީ ކޮބައިކަން މިނިސްޓަރ ފެނާންޑޯއަށް ދަސްކޮށްދޭންޖެހޭ ކަމަށެވެ. އިންޓަރނޭޝަނަލް އިވެންޓެއްގައި، ޓުއަރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން، ސްރީލަންކާ ޕްރޮމޯޓްކުރުމުގެ ނިޔަތުގައި އަވަށްޓެރި ދިވެހިރާއްޖެއާ ބެހޭގޮތުން ނެދެވޭ ވާހަކަ ދެއްކުމަކީ ވަރަށް މޮޔަކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.
ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި އެކަކު ބުނެފައިވަނީ، ބާރލިން ފެއަރއަށްދިޔަ ސްރީލަންކާގެ ކޮންޓިންޖެންޓާއި، ދިވެހިރާއްޖޭގެ ކޮންޓިންޖެންޓަށް ބަލާލުމުން އެކަނިވެސް، ލަންކާގައި ޕްރޮފެޝަނަލިޒަމްގެ އެއްވެސް ކަމެއް ނެތްކަން ހާމަވާ ކަމަށެވެ.
ގިނަ ބަޔަކުވަނީ، ސްރީލަންކާގެ ޚާރިޖީ ވަޒީރުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ. އަދި ރާއްޖެއާ ބެހޭގޮތުން ފެނާންޑޯ ދެއްކެވި ވާހަކަތަކުގެ ސަބަބުން އޭނާއަކީ ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރުކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫންކަން ސާބިތުވެގެން ހިނގައްޖެ ކަމަށްވެސް ބުނެއެވެ.
ހަރިން ފެނާންޑޯއަކީ، ސްރީލަންކާގެ މިހާރުގެ ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ބޭފުޅުންގެ ފެންވަރު ހާމަވެގެންދާ ބޭފުޅެއް ކަމަށާއި، ސިޔާސީ ތަޖުރިބާ އެބޭފުޅުންގެ މަދުކަން މިކަމުން ހާމަވާ ކަމަށްވެސް ބުނެއެވެ.
ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރ ހަރިން ފެނާންޑޯ، ދިވެހިރާއްޖެ ބަދުނާމުވާ ގޮތަށް ދެއްކެވި ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ސޯޝަލް މީޑިއާގައިވެސް އެތައްހާސް ބަޔަކު މިނިސްޓަރ ފެނާންޑޯއަށް ފާޑުކިޔަމުން އެބަގެންދެއެވެ.
ޝުއޫރު ފާޅުކުރި ދިވެއްސަކު ބުނެފައި ވެއެވެ.