ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ ދެކުނު އޭޝިޔާގެ ހިންދު މާކަނޑުގެ ތެރޭގައި، އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ހައްތުސްތަވާ މަތީގައި އުތުރުން ދެކުނަށް ފެތުރިފައި އޮންނަ ކުޑަ ޖަޒީރާ ގައުމެކެވެ. ރީތި ދޮންވެލި ތުނޑިތަކާއި މުރަކައިގެ ރީތި ފަރުތަކަކީ މިކުޑަކުޑަ ގައުމަށް ލިބިފައިވާ އެންމެ އަގުހުރި ރައުސުލްމާލެވެ.

މިރާއްޖޭގެ ބިމުގެ ބޮޑުމިނުގައި 298 ކިލޯމީޓަރު ހުންނައިރު ރާއްޖޭގެ 99 އިންސައްތައަކީ މާސިންގާ ކަނޑެވެ. ރާއްޖޭގެ ރަށްތައް އިންޑިޔާ ކަނޑުތެރޭގައި ފެތުރިފައިވާ ގޮތުން ބައެއް ސައްޔާޙުން "މުތުގެ ހާރެއް"ގެ ގޮތުގައި ރާއްޖޭގެ ރަށްތައް ސިފަކުރާއިރު އަނެއްބައި މީހުން ރާއްޖެ ސިފަކުރަނީ "ދުނިޔެމަތީގެ ސުވަރުގޭގެ" ގޮތުގައެވެ.

ރާއްޖެއަކީ ދުނިޔޭގެ އެތައް މިލިއަން މީހުންގެ "ބަކެޓް ލިސްޓު"ގައި އެންމެ ކުރިން ޖާގަ ހޯދާފައިވާ ގައުމެވެ. ރާއްޖޭގެ އިގުތިސޯދު ހިފަހައްޓައިދޭ މައި ތަނބުތަކުން އެއް ތަނބަކީ ކުރިއަރަމުން އަންނަ ފަތުރުވެރިކަމެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ހަލުއިކަމާއި މިގައުމަށް ލިބިފައިވާ މަގުބޫލުކަމަކީ ބައެއް ގައުމުތަކުގެ ވެރިންނަށާއި އެގައުމުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރޭގައި އުޅޭ މަހުޖަނުންނަށް މާ ހަޖަމުކުރަން ފަސޭހަ ކަމަކަށް ނުވެއެވެ.

ނަތީޖާއަކީ ރާއްޖޭގެ ރީތި ނަމަށް ހުތުރުކޮށް، ފަތުރުވެރިކަން ފުނޑާލުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެމީހުން މަސައްކަތް ކުރުމެވެ. މިކަމުގައި އެގައުމުތަކުގެ ޔޫޓިއުބަރުންނާއި ނޫސްމަޖައްލާތައްވެސް ބޮޑު ރޯލެއް ކުޅެއެވެ.

ހަމައެކަނި ޔޫޓިއުބަށް ބަލާލިޔަސް ރާއްޖޭގެ އަގުވެއްޓާލުމުގެ ބޭނުމުގައި، ހަގީގަތާއި އަސްލާ ޚިލާފު އެތައް ވާހަކައެއް ހިމެނޭ ކުރު ވީޑިއޯތަކާއި ޑޮކިއުމެންޓަރީތައް އާއްމުކޮށްފައި ހުރިކަން ހާމަވާނެއެވެ. ރާއްޖެއަކީ ކުނިމެނޭޖުނުކުރެވޭ ގައުމެއްކަން ދައްކަން 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8ވަނަ ދުވަހު ބީބީސީއިން ރިޕޯޓެއް އާއްމުކުރިއެވެ.

"Maldives 'Rubbish Island' is 'overwhelmed' by garbage" މިސުރުޚީގައި އާއްމުކުރި ލިޔުމާއި ވީޑިއޯ ރިޕޯޓު މިހާރުވެސް ފެންނަން އެބަ ހުއްޓެވެ. އޭގެ 10 އަހަރު ފަހުން ހަމަ އެވީޑިއޯ ރިޕޯޓު ބީބީސީގެ ސޯޝަލްމީޑިއާގައި އަލުން އާއްމުކުރިއެވެ. ދެރަކަމަކީ، ކުނިވެ އަލާކެނޑިފައި އޮތް ރިޕޯޓެއް އަލުން އާއްމުކުރިއިރު، ތިލަފުށީގެ ހާލަތު އޮތީ ބޮޑުތަނުން ރަނގަޅުވެފައެވެ. ރާއްޖޭގެ ކުނިމެނޭޖުކުރުމަށް އިންގިލާބީ ހެޔޮ ބަދަލެއްވަނީ ގެނެސްފައެވެ. ދެން އަލުން މާ ކުރީގެ ވީޑިއޯއެއް އާއްމުކުރީމާ ވަރަށް ސާފުކޮށް އެވެރިންގެ މަގުސަދު އެނގެއެވެ. ރާއްޖޭގެ އަސްލު އޮޅުވާލުމަށް މިނޫނަސް އެކި މަންސަތަކުގައި ތިލަފުށި ބޭނުންކޮށްފައިވެއެވެ.

2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި "ދަ ނޭޝަނަލް" ކިޔާ ނޫހެއްގެ ފަލަ ސުރުހީގައި ލިޔެފައި އޮތީ "Forget the Maldives, why Saudi Arabia's Red Sea Project should be on your bucket list" މިހެންނެވެ. އިންޑިއާގެ ބަންގަރަމް އައިލެންޑް އިޝްތިހާރުކުރަންވެސް، "ޓްރިޕް އެޑްވައިޒަރ"އޭ ކިޔުނު ވެބްސައިޓެއްގައި ލިޔުނު ސުރުޚީގައި އޮތީ "Forget Maldive, Bangaram resort at your service" މިހެންނެވެ. ސުވާލަކީ ކޮންމެހެން، އެހެން ގައުމެއްގައި އޮންނަ މޮޅު ރިސޯޓެއް ނޫނީ ރީތި ބީޗެއް އިޝްތިހާރުކުރަން ރާއްޖޭގެ ނަން ގަންނަން ޖެހޭތޯއެވެ؟ މިކަމުންވެސް ހަގީގަތުގައި އެނގިގެންދަނީ ރާއްޖޭގެ މަގުބޫލު ކަމެވެ. ރާއްޖެއަށް މީހުން ކުރާ އިތުބާރާއި ރާއްޖޭގެ މަގުބޫލުކަން އެބައިމީހުންވެސް ދަންނަ ކަމެވެ.

މިފަހުން ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަހޯދި އެއް ވާހަކައަކީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރ ހަރިން ފެނާންޑޯ ދެއްކެވި ވާހަކައެކެވެ. ނިމިގެންދިޔަ އައިޓީބީ ބާރލިން ފެއަރގެ ތެރޭގައި ސްރީލަންކާގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ތެރެއިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރ ހަރިން ފެނާންޑޯ ވިދާޅުވެފައިވަނީ، ފަތުރުވެރިން ރާއްޖޭގައި ފަސް ވަރަކަށް ދުވަސް ހޭދަކުރާނަމަ އިރުގެ ހޫނުކަމާއި، ދޮންވެލި ގޮނޑުދޮށް ނޫން އެއްޗެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި ސްރީލަންކާގައި ފަތުރުވެރިންނަށް އެތައް ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.

ލަންކާއަކީ، ދެ ގަޑިއިރެއްހާއިރުގެ ރާސްތާއަކުން، އެއްގަމު މަގުން ވެހިކަލެއްގައި ހަތަރު މޫސުން ތަޖުރިބާކާރު ކޮށްލެވޭ ގައުމެއްކަމަށް ހަރިން ފެނާންޑޯ ވިދާޅުވިއެވެ. އެގޮތުން އަށް ޑިގްރީއާއި 10 ޑިގްރީ ސެލްޝިއަސްއާ ދެމެދުގައި ފިނިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތާއި، ހޫނު މޫސުމުގައި ބީޗުތަކުގައި އުފާ ހޯދުމުގެ ފުރުސަތު ލަންކާއިން ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. ސްރީ ލަންކާއަކީ ހަމައެކަނި ބީޗުތަކުގެ ރީތިކަމަށް ބަރޯސާވެގެން ފަތުރުވެރިކަން ކުރާނެ ގައުމެއް ނޫން ކަމަށާއި، ބީޗުތަކުގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމަށް ފަތުރުވެރިން ދިވެހިރާއްޖެ އަންނަކަމަށް ހަރިން ވިދާޅުވިއެވެ.

ހަރިން ފެނާންޑޯ ދެއްކެވި ވާހަކަތާ ގުޅިގެން ސްރީލަންކާގެ އެތައްބަޔަކު، ދިވެހީންގެ ކިބައިން މައާފަށް އެދި މިނިސްޓަރ ފެނާންޑޯއަށް ނުރުހުން ފާޅުކޮށް ފާޑުކިޔަމުން އެބަގެންދެއެވެ. ދިވެހިންގެ ފާޑުކިޔުންވެސް އޭނާއަށް އަމާޒުވެފައިވެއެވެ.

ބައެއް މީހުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި، ސްރީލަންކާގެ ފަތުރުވެރިކަމާ އަޅާކިޔޭނެ ނުވަތަ އެއްގޮތްކަމަށް ކިޔޭނެ އެއްވެސް ހަމައެއް ނެތް ކަމަށާއި، ދެގައުމުގައިވެސް ވަނީ ދެ ގައުމުގެ އަމިއްލަވަންތަކަން ކަމަށެވެ. މިނިސްޓަރަށް ބަހުގެ ހަމަލާދިން އެކަކު ބުނެފައިވަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ވަނީ ނުހަނު ކުރިއަރައިގެން ގޮސްފައި ކަމަށާއި، ދިވެހިރާއްޖޭގެ ކިބައިން ސްރީލަންކާ ދަސްކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.

އެކަކު ބުނެފައިވަނީ، އެތިކަލް މާކެޓިންއާއި، ޑިޕްލޮމަސީއަކީ ކޮބައިކަން މިނިސްޓަރ ފެނާންޑޯއަށް ދަސްކޮށްދޭންޖެހޭ ކަމަށެވެ. އިންޓަރނޭޝަނަލް އިވެންޓެއްގައި، ޓުއަރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން، ސްރީލަންކާ ޕްރޮމޯޓްކުރުމުގެ ނިޔަތުގައި އަވަށްޓެރި ދިވެހިރާއްޖެއާ ބެހޭގޮތުން ނެދެވޭ ވާހަކަ ދެއްކުމަކީ ވަރަށް މޮޔަކަމެއް ކަމަށްވެސް ބުނެފައި ވެއެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި އެކަކު ބުނެފައިވަނީ، ބާރލިން ފެއަރއަށްދިޔަ ސްރީލަންކާގެ ކޮންޓިންޖެންޓާއި، ދިވެހިރާއްޖޭގެ ކޮންޓިންޖެންޓަށް ބަލާލުމުން އެކަނިވެސް، ލަންކާގައި ޕްރޮފެޝަނަލިޒަމްގެ އެއްވެސް ކަމެއް ނެތްކަން ހާމަވާ ކަމަށެވެ.

ދޮން ވެލީގެ ގޮނޑުދޮށްތަކާއި، ބިއްލޫރިހާ ސާފު މޫދުތަކުގެ ޗާލުކަން ބަލާލުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ރެކޯޑު އަދަދަކަށް ފަތުރުވެރިން އާދެއެވެ. ދިވެހިންގެ ހިތްހެޔޮކަމާއި، ރިސޯޓުތަކާއި އެނޫންވެސް ފަތުރުވެރިކަމުގެ ހިދުމަތްދޭ އެހެނިހެން ތަންތަނުންދޭ ހިދުމަތްތަކުގެ ފެންވަރާއި، ގެންގުޅޭ ސްޓޭންޑާޑަކީ މުޅި ދުނިޔެ ވެސް މިސާލެއްގެ ގޮތުގައި ބަލާ ކަންކަމެވެ. އެއް ފަހަރު ރާއްޖެ އަތުވެއްޖެ ފަތުރުވެރިއަކު ދެވަނަ ފަހަރަށް ވެސް އަދި އެއަށްވުރެ ގިނައިން ވެސް ރާއްޖެ އަންނަން ބޭނުންވާ ސަބަބަކީ އެއީ ކަމަށް ވެދާނެއެވެ.

މިކަމުގެ އެއް ހެއްކަކީ، މިދިޔަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފި ފަތުރުވެރިންގެ އަދަދު ވެސް ހާސިލްކުރެވުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް 1،675،303 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި އަހަރަށް ރާއްޖެއިން އަމާޒުހިފާފައި ވަނީ، 1.8 މިލިއަން ފަތުރުވެރިން ގެނެސް ޓޫރިޒަމްގެ ރެކޯޑެއް ހެދުމަށެވެ. ހުސްވި ފެބްރުއަރީ މަހު އެކަނިވެސް ރާއްޖެއަށް 177،914 ފަތުރުވެރިން ޒިޔާރާތްކުރިއިރު، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މިއަހަރު 350،413 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،225 ތަނަކަށް ވަނީ ހުއްދަ ދީފައެވެ. އޭގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ، 1،221 ތަނަކުންކަމަށް ވާއިރު، އެއީ 168 ރިސޯޓާއި، 13 ހޮޓަލާއި، 886 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީއެވެ.