ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން "ރިހި އައްސޭރި 2023" ޓޭބަލްޓޮޕް އެކްސަސައިޒް ކުރިއަށްގެންގޮސްފިއެވެ.

ރައީސް އޮފީހުން ބުނީ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭން (އެން.ޓީ.އާރު.ޕީ)އަށް ޢަމަލުކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޓޭބަލްޓޮޕް އެކްސަސައިޒް "ރިހި އައްސޭރި 2023" މިމަހުގެ 12 އިން 13އަށް މާލެ ސަރަހައްދުގައި ބާއްވާފައިވާ ކަމަށެވެ.

މިއީ ޓެރަރިޒަމްގެ ޙާދިސާއަކަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ދޭ އީޖާބަ ޓެސްޓު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ.

މި އެކްސަސައިޒްގެ މައިގަނޑު މަގްސަދަކީ އެންޓީއާރުޕީގައި އަލިއަޅުވާލާ ކުއްލި ޙާލަތްތަކުގައި އީޖާބަދޭ ސަރުކާރުގެ އިދާރާތަކުގެ މެދުގައި އޮންނަ މުވާސަލާތީކަންކަމާއި ވިލަރެސްކުރުން ޓެސްޓުކޮށް، މިފަދަ ޙާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ޤާބިލުކަން ހަރުދަނާކުރުމެވެ.

އަދި މި މަގްސަދު ހާސިލުކުރުމަށް އިދާރާތަކަށް ބޭނުންވާނެ ތަމްރީނާއި އެކްސަސައިޒްތައް ދެނެގަނެ އިޖާބީ ޙަރަކާތްތައް އިތުރަށް ފުރިހަމަކުރުމެވެ.

އެކްސަސައިޒް "ރިހި އައްސޭރި 2023" އަކީ އެންޓީއާރުޕީއަށް އަމަލުކުރުމަށް ދިވެހި ސަރުކާރާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން އެންމެފަހުގެ ހަރަކާތެވެ. މި އެކްސަސައިޒްގައި ސަރުކާރުގެ 11 އިދާރާއެއްގެ އޮފިޝަލުން އެއްތަންވެ މަސައްކަތްކޮށްފައިވެއެވެ.