އާއްމު ހިދުމަތްދޭ ތަންތަނުގެ ގޮތުގައި ހިމެނޭ މުދާ ވިއްކާ ތަންތަނާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލުގެނެސްފިއެވެ.

މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުގައިކަމަށެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުގައިކަމަށްވެސް އިއުލާނުގައިވެއެވެ.

މީގެ އިތުރުން މާދަމައިން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށްވެސް އިއުލާނުގައިވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަނާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން މިނިސްޓްރީން ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ދިމާކޮށް ފިހާރަ ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ސަރުކާރުން ބަދަލުގެނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 23 ވާ ބުރާސްފަތި ދުވަހެވެ.