ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް، ވަގުތު ހަމަވީއިރު ކުރިމަތިލާފައިވަނީ 3 ކެންޑިޑޭޓުންކަމަށާއި މި ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުން މާދަމާ ބާއްވާނެކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

މިދާއިރާގެ ގޮޑިއަށް ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އިބްރާހިމް ޝާޒާއި، ޕީޕީއެމްގެ ފަރާތުން ރިޒާގެ ކޮއްކޮ ހުސެން ރިޒާގެ އިތުރުން އެމްއެންޕީގެ ފަރާތުން ގުރައިދޫ ސުކޫލުގެ ކުރީގެ ލީޑިން ޓީޗަރު، އަލީ އާރިފެވެ.

އަންނަ މަހުގެ 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 2:00ގައި އިލެކްޝަން ކޮމިޝަނުގެ އިދާރާގައެވެ.

މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މިވަނީ، އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިރާއެއްގެ ގޮނޑިއެއް ހުސްވެ، އެ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބައި އިލެކްޝަނެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އެންމެފަހުން މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.

އެފަހަރު ބާއްވާފައިވަނީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެވެ. އެއީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެފުރަތަމަ އިންތިޚާބުވި، މެމްބަރު ހުސެއިން ވަހީދު، 2021 ވަނަ އަހަރުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެ.