ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް ނިންމައިފިއެވެ.

ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް ނިންމާފައިވަނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. މިގޮތަށް ނިންމާފައިވަނީ ކައުންސިލްގެ ސާފު އަގުލަބިއްޔަތުންނެވެ.

ޖޭޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ.

މި ނިންމުމަށް ބާރުދީ ނިމިދިޔަ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދުވަނީ ގަރާރެއް ހުށައަޅާފައެވެ. އެ ގަރާރުގައިވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނުވަތަ ޕާޓީ އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީގެ ކައުންސިލަށް ލަފާ އަރުވާށެވެ.

މި ގަރާރުގައިވާ ކަންކަމާމެދު ޖޭޕީގެ ކައުންސިލްގައި ބަހުސްކޮށްފައިވާއިރު ޖޭޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، މިކަމަށް ގޮތެއް ނިންމޭނީ، ޕާޓީގެ ކައުންސިލަށެވެ.

އަބްދުﷲ ހުށަހެޅުއްވި ޤަރާރުގައިވަނީ، ރާއްޖޭގައި ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއް ގާއިމުކުރުމަށް އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވައި ރާއްޖެ މިދެކޭ ޑިމޮކްރެޓިކް ހެޔޮ ބަދަލުތަކެއް ގެނައި ބާނީ، ޤާސިމް އިބްރާހިމް ކަމަށެވެ. މާޒީއަށް އިޝާރާތްކޮށް، އެ ޤަރާރުގައި ބުނީ، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ކޮންމެ ރިޔާސީ އިންތިހާބެއްގައި ވާދަކޮށް އިންތިހާބު ކާމިޔާބުކުރި ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގެންނެވީ ޤާސިމް އިބްރާހިމްގެ އެހީއާއި މަދާދާއެކު ކަމަށެވެ. އަދި ވެރިކަމަށް ހޮވޭ ޕާޓީއާއެކު ކޯލިޝަން ހަދަނީ އެއްބަސްވުންތަކެއްވެ، އިޤުރާރުތަކެއްވެ، ޖުމްހޫރީ ޕާޓީގެ ސިޔާސަތުތަކާއި އަސާސްތައް ތަންފީޒުކުރުމުގެ މަގު، ފަހިކުރުމަށް ސަރުކާރުގެ ތެރެއިން ކަނޑައެޅި، އެއްބަސްވެވި ހިއްސާއެއް އޮންނަގޮތަށް ކަމުގައިވިޔަސް، ވެރިކަމާއި އާރާއި ބާރު ލިބުމުން އެ އަހުދުތައް މަތިން ހަނދާންނައްތާލައި، ޕާޓީ ނިކަމެތިކޮށްލާ ކަމަށެވެ.

ހަމައެހެންމެ، 2013 ވަނަ އަހަރު ޖޭޕީން ގިނިކަންޏާ ރިޔާސީ އިންތިހާބަށް ނުކުމެ، އިންތިހާބުގެ ދެވަނަ ބުރަށް އެޕާޓީގެ ކެނޑިޑޭޓަށް ނުދެވުނީ ވަރަށް ހަނި ފަރަގަކުން ކަމަށާއި އިންތިހާބުގެ ފުރަތަމަ ބުރުގެ ސައްހަ ކަމާމެދު އޭރު ސުވާލު އުފެދުނު އެތައް ކަމެއް ހުރިކަމަށް ވެސް ގަރާރުގައި ވެއެވެ. މީގެ އިތުރުން، ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރެވި ޕާޓީ ހިނގަމުންދަނީ ރައްޔިތުންނަށް ފުދުންތެރި ލާޒިމު ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދީ ރައްޔިތުންގެ ޖީބަށް ލުއި، ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ މަތިވެރި މަޤުސަދުގައި ކަމަށާއި އެ ޕާޓީގެ މާޒީއާއި މިއަދުގެ ދުވެލި ހުރި ގޮތުން ޖޭޕީއަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށް، ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ހަކަތަ އާއި ތާއީދުއޮތް ޕާޓީއެއް ކަމަށްވެސް ބުނެފައިވެއެވެ.

މި ގަރާރާއިއެކު ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ޖެހިއްޖެނަމަ އެކަމުގެ މަޝްވަރާތައް، އިސްވެ ކުރުމުގެ ބާރު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް، ޕާޓީގެ ކައުންސިލުން ވަނީ ދީފައެވެ.

ކައުންސިލުން މިގޮތަށް ނިންމީ ޖޭޕީގެ 150ވަނަ ކައުުންސިލް ބައްދަލުވުމުގައެވެ. ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު ނާޒިލްވަނީ އެބާރު ގާސިމަށް ދޭން، ގަރާރެއް ހުށަހަޅާފައެވެ. ނާޒިލް ހުށަހެޅުއްވި ގަރާރު ފާސްކުރީ އެޕާޓީގެ ގައުމީ ކޮންފަރެންސް 2023ގައި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގަރާރަށް ބާރުދީ އެގަރާރު ތަންފީޒުކުރަން ޖެހޭ ގޮތަށެވެ.