ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވިހާ ހިނދަކު އަދި މި ދުނިޔެއަށް ނޭވާލެވޭހާ ހިނދަކު މަސައްކަތްކުރައްވާނީ ދިވެހި ރައްޔިތުންގެ ހައްގުގައި، ރައްޔިތުންގެ ސައިޑުގައިކަމަށް އެ ޕާޓީގެ ލީޑަރު، އޮނަރަބަލް ގާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ، މިއަދު އޮތް އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ޕާޓީގެ ކައުންސިލް މެމްބަރުން ވަނީ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީ އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް ހުށަހަޅާފައިިވާ ގަރާރު ފާސްކޮށް، އެމަގުން ކުރިއަށްދިއުމަށް ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ތާއީދާއެކުއެވެ. މި ގަރާރު ފާސްކުރުމަށް ވޯޓުނުދެއްވަނީ، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރާއި މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރ މަނިކު އެކަންޏެވެ.

މި ގަރާރަށް ވޯޓުލުމަށްފަހު ކައުންސިލް މެމްބަރުންނަށް ވާހަކަދެއްކެވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ސަމީރު ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ ވެސް އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމަކީ އޭނާއަށް ނުހަނު ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ. އެހެންނަމަވެސް، އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރުމަށް ނިންމާފައިވާތީ، ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމި ނިންމުމާއެކު، މިކަމުގައި ފުށުއެރުންތަކެއް ހުންނާނެތީއާއި، ޕާޓީގައި ހުރުންއެއީ އެންމެ ރަނގަޅުގޮތްކަމަށް ނުފެންނާތީ، ޕާޓީގެ ކައުންސިލް މެމްބަރުކަމުންނާއި ޕާޓީން އިސްތިއުފާދެއްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ---

ސަމީރު އިސްތިއުފާދެއްވުމާ ގުޅިގެން ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް ސަމީރުގެ ފަރާތްޕުޅުން ގިނަ ހިދުމަތްތަކެއް ލިބުނުކަމަށާއި، ސަމީރުގެ ކުރިއެރުމަށް ޕާޓީގެ ފަރާތުން ވެސް ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށެވެ. އަދި ސަމީރުގެ ނިންމެވުމާ ގުޅިގެން އެމަނިކުފާނުގެ ވެސް އަދި ޕާޓީގެ ވެސް އެއްވެސް ހިތްބުރަކަމެއް ނެތްކަން ގާސިމް ފާހަގަކުރެއްވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ މިއަދު އިންސްޓިޓިއުޓެއް ކަމަށާއި، އެގޮތަށް އެކަން ކުރެވުނީތީ އުފާކުރައްވާކަމަށެވެ. ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން، ޖުމްހޫރީ ޕާޓީއަކީ ނަމޫނާއެއްގެ ގޮތުގައި ބަލައިގެންފައިވާކަން ކަށަވަރުކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ސައިޑުގައި ކަމަށާއި، އެމަނިކުފާނު ޕާޓީގެ ލީޑަރުކަމުގެ މަގާމުގައި ހުންނެވިހާ ހިނދަކު އަދި ދުނިޔެއަށް ނޭވާލެވޭހާ ހިނދަކު ވެސް ހުންނަވާނީ ރައްޔިތުންގެ ސައިޑުގައިކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުފާކުރަން އަޅުގަނޑުމެންނަށް މިއީ (ޖޭޕީ އަކީ) އިންސްޓިޓިއުޝަނަކަށް ހެދުނީތީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއީ އިންސްޓިޓިއުޝަނެއް މިހާރު. ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް ނަމޫނާއަކަށް ޖުމްހޫރީ ޕާޓީވާކަން އަޅުގަނޑަށް ކަށަވަރު. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ ސައިޑުގައި. އަބަދުވެސް. އޯލްވޭޒް. އަޅުގަނޑު މި މަގާމުގައި އިންހާ ހިނދަކު، އަޅުގަނޑަށް މި ދުނިޔެއަށް ނޭވާލެވޭހާ ހިނދަކު އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ސައިޑުގަ".
ޖުމްހޫރީ ޕާޓީގެ ލީޑަރު، އޮނަރަބަލް ޤާސިމް އިބްރާޙީމް

ޖުމްހޫރީ ޕާޓީއަކީ އިންސްޓިޓިއުޝަނެއްކަމަށް ގާސިމް އިބްރާޙީމް ވިދާޅުވިއިރު، އެ ޕާޓީ އަކީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްސަފުގައި ތިއްބެވި ގިނަ ބޭފުޅުންގެ ސިޔާސީ ހަޔާތުގައި ހަރުދަނާ ބިންގަލެއް އެޅި ޕާޓީއެވެ. މިއަދު ރާއްޖޭގައި ގާއިމްވެފައިވާ ސަރުކާރަކީ ވެސް، ޖުމްހޫރީ ޕާޓީއާއި އެ ޕާޓީގެ ލީޑަރުގެ ބުރަ މަސައްކަތް ހިމެނޭހެން އުފެއްދުނު ސަރުކާރެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ދައުރު ނިމުމަކާ ހަމައަށް އަންނައިރު، މިއަދު ވެސް ވެރިކަމުގެ އިސް މަގާމުތަކުގައި ޖޭޕީގެ މެމްބަރުން އެބަތިއްބެވިއެވެ. ރައީސް ޞާލިޙްގެ ނައިބެއްގެ ގޮތުގައި ހުންނެވި ފައިސަލް ނަސީމްއަކީ ވެސް ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

"ހަމަޖެހުމަކަށް"، މި ނަމުގައި ޖުމްހޫރީ ޕާޓީން ހަރަކާތެއް ކުރިއަށްގެންދާތާ ދުވަސްތަކެއް ވެފައިވާއިރު، ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ޕާޓީގެ މިސްރާބު ބެހެއްޓުމަށް މިފަހުން ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގައި ގިނަ ކަންތައްތަކެއް ކޮށްފައިވާކަން އެ ޕާޓީން ހާމަކުރެއެވެ.