ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް ނިންމުމާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެ ޕާޓީން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް ނިންމާފައިވަނީ އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. މިގޮތަށް ނިންމާފައިވަނީ ކައުންސިލްގެ ސާފު އަގުލަބިއްޔަތުންނެވެ.

މި ނިންމުމާއިމެދު ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއިއެކު މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށާއި އެހެންކަމުން 2023ގެ އިންތިހާބީ މަސައްކަތްތައް ޕާޓީގައި ހިނގަމުންދާ ދަނޑިވަޅެއްގައި ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅުކަމަށް ނުވާތީ ޕާޓީން އިސްތިއުފާ ދެއްވަން ނިންމަވާކަމަށެވެ.

ސަމީރު ވިދާޅުވީ ސިޔާސީ ހަޔާތުގައި ގިނަ ހިދުމަތްތަކެއް ކޮށްދެވިފައިވަނީވެސް ޖުމްހޫރީ ޕާޓީއަށްކަމަށެވެ. އަދި ޕާޓީގައި ނުހުންނެވި ނަމަވެސް ޕާޓީގެ ލީޑަރަށާއި މެންބަރުންނަށް ކާމިޔާބީއަށް އެދޭކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ސަމީރު ޕާޓީއަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ބަލައިގަންނަކަމަށް ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި މި ކައުންސިލް ބައްދަލުވުމުގައި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އިންނެވީވެސް ސަމީރެވެ.

ޕާޓީގެ މި ނިންމުމަށް ބާރުދީ ނިމިދިޔަ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދުވަނީ ގަރާރެއް ހުށައަޅާފައެވެ. އެ ގަރާރުގައިވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނުވަތަ ޕާޓީ އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީގެ ކައުންސިލަށް ލަފާ އަރުވާށެވެ.