ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރަން ފުލުހުން އަދިވެސް މަސައްކަތް ކުރަމުން އެބަގެންދެއެވެ.
ފުލުހުން ތިބީ، ލާހޯރުގައި ހުންނަ އިމްރާން ޚާންގެ ގެކޮޅު ވަށާލައިގެންނެވެ.
ނަމަވެސް. އެ ގެކޮޅު ކަރިއަށް އެއްވެފައިވާ އިމްރާން ޚާންގެ ސަޕޯޓަރުންނާހެދި ފުލުހުންނަށް އަދިވެސް އިމްރާން ޚާން ހައްޔަރު ކުރެވޭގޮތެއް ނުވެއެވެ.
އިމްރާން ޚާންގެ ގެކޮޅު ކައިރީއަށް އެއްވެފައިވާ ސަޕޯޓަރުންނާއި، ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއްވެސް ހިނގާފައި ވެއެވެ. މި ކުރިމަތިލުންތަކުގައި ފުލުހުން ކަރުނަގޭހާއި، ޕްރެޝަރުގައި ފެން ޖަހާފައިވާއިރު، އިމްރާން ޚާންގެ އެތައް ސަޕޯޓަރުންނަށް އަނިޔާވެފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ، އެމީހުން މަސައްކަތް ކުރަމުން ގެންދަނީ، އިމްރާން ޚާން ހައްޔަރުކުރަން ކޯޓުން ނެރެފައިވާ ދެ އަމުރެއް، އިމްރާން ޚާންއާ ހަވާލުކުރަން ކަމަށެވެ. މި ދެއަމުރަކީވެސް، ކޮރަޕްޝަނާއި، ޓެރަރިޒަމްގެ ތުހުމަތުގައި އިމްރާން ހައްޔަރުކުރަން ނެރެފައިވާ ދެ އަމުރެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައި އިމްރާން ޚާން ވިދާޅުވެފައިވަނީ، ޕާކިސްތާނު ސަރުކާރުން އޭނާ ހައްޔަރު ކުރަން ބޭނުންވަނީ، ކުރިއަށްއޮތް އާންމު އިންތިޚާބުން ޑިސްކޮލިފައިކޮށް، އިމްތިޚާބުގައި ވާދަކުރިޔަ ނުދޭން ކަމަށެވެ.
އަދި ގޭގައި ހުންނަވައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި އިމްރާން ޚާން ވަނީ، އާންމުންނަށް ލިބިގެންވާ ހައްގުގެ ބޭނުން ހިފައި، އޭނާ ހައްޔަކުރަން ކުރާ މަސައްކަތާ ދެކޮޅު ހެދުމަށް ގޮވާލައްވާފައެވެ.
ސަރުކާރުގެ ދާޚިލީ ވަޒީރު ރާނާ ސަނާއުﷲ ވިދާޅުވީ، ފުލުހުން އިމްރާން ޚާން ހައްޔަރުކުރަން އުޅެނީ، ކޯޓުން އެކަމަށް އަމުރު ނެރެފައިވާތީ ކަމަށެވެ. ފުލުހުން އެކަން ކުރާނޭ ކަމަށްވެސް ރާނާ ވިދާޅުވިއެވެ.
އިމްރާން ޚާން ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރާތާ ހަފްތާތަކެއް ވެއްޖެއެވެ. ނަމަވެސް، އިމްރާން ޚާންގެ ސަޕޯޓަރުންނާހެދި އެކަން ކުރެވޭގޮތެއް ނުވިއެވެ.
ފުލުހުންނާއި، އިމްރާން ޚާންގެ ސަޕޯޓަރުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި، މިމަހުގެ 8 ވަނަ ދުވަހު އިމްރާން ޚާންގެ ސަޕޯޓަރަކު މަރުވެފައިވެސް ވެއެވެ. މިމައްސަލަވެސް ވަނީ ވަރަށް ހޫނުވެފައެވެ. އެދުވަހު އިތުރު 26 މީހުން ޒަޚަމްވިއެވެ.
އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ލީޑަރު ޗައުދަރީވަނީ، އިމްރާން ޚާންގެ ގެކޮޅު ކައިރީގައި ފުލުހުން ހިންގަމުންގެންދާ އޮޕަރޭޝަން ވަގުތުން ހުއްޓުވައި ދިނުމަށް ޕާކިސްތާނުގެ ޗީފް ޖަސްޓިސްއަށް އިލްތިމާސް ކުރައްވާފައެވެ.