މޫދު ހަރަކާތްތަކުގެ ތެރެއިން ފަތުރުވެރިން މަރުވާ މިންވަރު އިތުރުވާތީ އެކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން، މޫދު ކުޅިވަރުތައް އިންތިޒާމުކުރާ ތަންތަނަށް އަންގައިފިއެވެ.
މޫދުގެ އެކި ހާދިސާތަކުގައި ފަތުރުވެރިން މަރުވާ މައްސަލާގައި ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ފަރާތްތަކަކުންވެސް އެ އެކަމަށް ސަމާލުވުމަށް އެދި މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ، ފީނުމާއި ސްނޯކްލިންއަށް ދިއުމާއި ފެތުން ފަދަ މޫދާ ގުޅުންހުރު އެކި ހަރާކާތްތައް ކުރިއަށް ގެންދާއިރު އަޅަން ޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅުތައް އަޅާ ރައްކާވެ ތިބުމަށް ނަސޭހަތްތެރިވެފައެވެ.
އެގޮތުން މޫދުގެ އެކި ހަރަކާތްތައް ހިންގުމުގެ ކުރިން ރައްކާތެރިކަމުގެ އާންމު މައުލޫމާތާއި، ތަފްސީލީ މައުލޫމާތު ފަތުރުވެރިންނާ ހިއްސާކުރުމަށާއި މޫދާ ގުޅުންހުރި އެކި ހަރާތްތައް ހިންގުމުުގައި އުޅޭ މުވައްޒަފުން ތަމްރީނުކުރުމަށާއި ފަތުރުވެރިން މޫދުގައި އުޅޭއިރު އިތުރަށް ސަމާލުކަން ދިނުމަށް ސާކިއުލާގައި ވަނީ އިލްތިމާސްކޮށްފައިއެވެ.
މީގެއިތުރުން، ފީނުމުގެ ހަރަކާތްތަކުގައި މުވައްޒަފުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިތުރަށްް ހޭލުންތެރިކުރުމާއި، ރައްކާތެރިކަމާ ގުޅުންހުރި ޓްރޭނިންތައް އާންމުކޮށް ހިންގުމަށްވެސް މިނިސްޓްރީގެ ސާކިއުލާގައި ވަނީ އަންގާފައެވެ.
ފާއިތުވި ހޯމަ ދުވަހާއި ބުދަދުވަހުވެސް ވަނީ މޫދުގެ ހާދިސާތަކުގައި ފަތުރުވެރިން މަރުވެފައެވެ. ހޯމަ ދުވަހާއި ބުދަދުވަހުވެސް މަރުފެވައިވަނީ އއ އަތޮޅުން މޫދަށް އެރުނު އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިންނެވެ. ހޯމަ ދުވަހު މަރުވެފައިވަނީ އއ. ރަސްދޫ މަޑިވަރު ޕޮއިންޓަށް ފޭބި އިނގިރޭސިވިލާތުގެ 46 އަހަރުގެ ފިރިހެނެކެވެ.