ރޯދައިގެ އިނާޔަތް ބޮޑުކޮށްދިނުމަށާއި، ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނަށް ވެސް އިނާޔަތް ދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމެވެ.
މެންބަރު ހުށަހެޅުއްވި މައްސަލާގައިވަނީ ރޯދަމަހަކީ މުސްލިމް އުއްމަތަށް އަންނަ އެންމެ ބަރަކާތްތެރި މައްސަރު ކަމަށާއި، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށް ވުމުން ރޯދަމަހު ކޮންމެ ދިވެހި ރައްޔިތަކުވެސް ރޯދައިގެ މަތިވެރި އަޅުކަން އަދާ ކުރާކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ރައްޔިތުން އަތްނުފޯރާފަށަށް ކާބޯތަކެތީގެ އަގުތައް އުފުލިފައިވާތީ، އެތައް ދިވެހި ރައްޔިތުންނެތް ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާ ކަމަށްވެސް މެންބަރުގެ މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ރޯދަ މަހުގެ އިނާޔަތް ބޮޑުކޮށްދިނުމަށާއި، ވަޒީފާއާ ބެހޭ ގާނޫނު އަލުން މުރާޖައާކޮށް، ފަންނުތަކުގެ މަސައްކަތްތެރިންނާއި މަސްވެރިންނާއި ދަނޑުވެރިންފަދަ ސިނާއަތްތަކުގެ މަސައްކަތްތެރިންނަށްވެސް ރޯދައިގެ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ޤާއިމްކޮށް އެ ހުރިހާ ފަރާތްތަކަށް އިނާޔަތް ދިނުމަށް މެންބަރުގެ މައްސަލައިގައި ވަނީ ސަރުކާރަށް ގޮވާލާފައެެވެ.
މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރަން 15 މެމްބަރަކު ވޯޓުދެއްވިއިރު، 27 މެމްބަރަކު ވަނީ މި މައްސަލަ މަޖިލީހުން ބޭރުކުރުމަށް ވޯޓުދެއްވާފައެވެ.
ރޯދަ މަހުގެ އިނާޔަތް ބޮޑުކޮށްދިނުމަށް އެދި މައްސަލައެއް ހުށަހަޅާފައިވާއިރު، ވަޒީފާ އަދާކުރާ މުސްލިމު ކޮންމެ މުވައްޒަފަކަށް ރޯދަމަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި މިހާރު ވަޒީފާއާ ބެހޭ ގާނޫނުން ލާޒިމްކޮށްފައިވަނީ މަދުވެގެން 3،000 ރުފިޔާއެވެ.