ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް)ގައި ރާއްޖޭން ބައިވެރިވުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގޯޕެކްގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމާއި ގުޅޭ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 18ވަނަ ޖަލްސާގައެވެ. މިމައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ.

ގޯޕެކްއަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށާއި ހެޔޮވެރިކަމެއް ހަރުދަނާކުރުމަށާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތްކުރާ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މަޖިލިސް މެމްބަރުންގެ މައްޗަށް އެކުލިވިގެންވާ ޖަމިއްޔާއެކެވެ.

މިމައްސަލައަށް ބަހުސްކުރެއްވި މެންބަރުންވަނީ ގޯޕެކްގައި ބައިވެރިވުމަށް ތާއީދުކޮށް ވާހަކަދައްކަވާފައެވެ. މީގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންވެސް ހިމެނެއެވެ.

މިގޮތުން މިމައްސަލައަށް ބަހުސްކުރައްވަމުން، މާފަންނު އުތުރު ދާއިރާގެ މެމްބަރުން އިމްތިޔާޒު ފަހުމީ ވިދާޅުވީ ގައުމެއް ފަސާދަވެ ހަލާކުވެ ދިޔުމަށް އެންމެ ނުރައްކާތެރި އެއްޗަކީ ކޮރަޕްޝަން ކަމަށެވެ. ރާއްޖެއަކީ ކުޑަކުޑަ އިސްލާމީ ގައުމަކަށް ވާއިރު، ކޮރަޕްޝަން އޮތީ ހަމަ ސިއްސައިގެންދާ މިންވަރެއްގައި ކަމަށް މެމްބަރު ވިދާޅުވިއެވެ. ބައިނަލްއަގުވާމީ ކޮރަޕްޝަން އިންޑެކްސްގައިވެސް ފަހަރަކަށްވުރެ ފަހަރެއް ވެއްޓެމުންދާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

ބަހުސްގައި ބައިވެރިވެވަޑައިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ އެޖަމިއްޔާގައި ބައިވެރިވެއްޖެ ނަމަ އެކަން ވެގެން ދާނީ ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ލިބޭ ފުރުސަތަކަށް ކަމަށެވެ. އަދި އަންހެނުންގެ ކޮރަޕްޝަންގެ މައްސަލަތައް މަދުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މަޖިލީހުގައި އަންހެނުންގެ ބަސް އިއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. ހަމައެހެންމެ، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ވިދާޅުވީ ރާއްޖޭގައި ކުރާ ކަންކަން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރަމުންދާ ކަމަށާއި ޕްރޮޖެކްޓްތައްވެސް އިއުލާން ކުރުމެއް ނެތި ހިންގާ ކަމަށެވެ.

މިމައްސަލައިގެ ބަހުސްގައި އިދިކޮޅު މެމްބަރުން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ މިސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންއެވެ. އަދި މިއީ މިހާތަނަށް އެންމެ ކޮރަޕްޓް ސަރުކާރު ކަމަށް އެމެމްބަރުން ވިދާޅުވެފައިވެއެވެ.

މިމައްސަލައިގެ ބަހުސްގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މެދުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށާއި އެކަންކަމާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އޭނާވަނީ މިރާއްޖޭގައި އެންމެ ބޮޑެތި ކޮރަޕްޝަން ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް ވިދާޅުވެ އިދިކޮޅު މެމްބަރުންނަށް ރައްދެއްވާފައެވެ.