މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން އޮފަރޭޝަންތަކެއް ކުރިއަށް ގެންގޮސް ގަވާއިދާ ހިލާފަށް އެޅޭ ފަރާތްތަކާއި، ސްމަގްލިންގ ނުވަތަ ހިއުމަން ޓެރެފިކިންގެ ޝިކާރައަށް ވެފައިވާ ފަރާތްތައް ދެނެގަނެވި، ކުށް ހިންގުމުގެ ކުރިން އެކަންކަން ހުއްޓުވިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިދަފައިން ވިދާޅުވީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ރަޝީދުގެ ސުވާލުގައި ވަނީ، މާލެއާއި އަތޮޅުތެރޭގައި ވާކްޕާމިޓާއި ވިސާނެތި ގާނޫނާއި ގަވައިދުތަކާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ފަރާތުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފުވާ މައްސަލަތައް ހުއްޓުވުމަށާއި، އެފަދަ ފަރާތްތަކުން ދިވެހިންނަށް ލިބިފައިވާ އިޖްތިމާއީ އަދި އިގްތިސާދީ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ކުރަމުންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވުމަށް ފާއިތުވި، ތިން އަހަރު މިނިސްޓްރީން ކުރި މަސައްކަތްތަކަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ، ދިވެހިންނަށާއި، ރާއްޖޭގައި ގަނޫނުތަކާ އެއްގޮތަށް ދިރިއުޅޭ އަދި ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް ލިބިފައިވާ ހައްގުތަކަށް ހުރަސްއެޅޭ ގޮތައް ހިންގާ ޖިނާއީ ކުށަކަށްވާފަދަ އަމަލުތައް ހުއްޓުވުމުގައި އެކަންކަމުގައި ޝާމިލުވާ ބިދޭސީންނާއި ދިވެހިންގެ މައްޗަށް ވެތުވެދިޔަ ތިން އަހަރު ގާނޫނީ ފިޔަވަޅުތަކެއް އެޅިފައިވާކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް ވާކް ޕާމިޓާއި، ވިސާނެތި މަސައްކަތްކުރާ ބިދޭސީންގެ މައްސަލައާއި، ގާނޫނަކުން ނުވަތަ އިގްތިސޯދީގޮތުން ދިވެހިން ޝާމިލުވާ މައްސަލަތަކަކީ އިކޮނޮމިކް މިނިސްޓްރީ އަދި އިމިގްރޭޝަންއާ މެންޑޭޓުކުރެވިފައިވާ މައްސަލަތަކަކަށް ވުމުން، ސީދާ އެފަދަ ބިދޭސީންނަށް އަމާޒުކޮށްގެން ފުލުހުންގެ ފަރާތުން ހާއްސަ އޮފްރޭޝަނެއް ކުރިއަށް ގެންގޮސްފައިނުވާ ކަންވެސް މިނިސްޓަރގެ ޖަވާބުގައިވެއެވެ.

މީގެތުރުން މިނިސްޓަރ ވިދާޅުވީ، ކުރިން ބިދޭސީން ޝާމިލުވުން މަދު ކުށްތަކުގަ އާއި، ބޮޑެތި ކުށްތަކުގައި ބިދޭސީން ބައިވެރިވާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާތީ، ސިޔާސަތުތައް ކަނޑައެޅުމުގަ އާއި، އެފަރޭޝަންތައް ހިންގުމުގައި މިނިސްޓްރީންނާއި ފުލުހުންދަނީ އިތުރު ސަމާލުކަމެއް ދެމުން ކަމަށެވެ.

އެގޮތުން އާއްމުންނަށް އުނދަގޫވާ ގަތަށް މަގުމަތީގައި ވެހިކަލްތައް ސާފުކުރާ އަދި ސާފުކުރުމަށް އެދި މީހުންގެ ފަހަތުން އެޅޭ މީހުންނަށް ނަސޭހަތްތެރިވެ، ގަވައިދާ ހިލާފަށް މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރީކުރާ ފަރާތްތައް ހުއްޓުވުމަށްޓަކައި، އެފަދަ ބިދޭސިންނާއި ދިވެހިންގެ މައުލޫމާތު ނޯޓުކޮށް، މަހަކު އެއްފަހަރު އެއްފަހަރު އެ ފަދަ މައުލޫމާތުތައް ސިޓީ ކައުންސިލާ ހިއްސާކުރެވި، ކައުންސިލާ ގުޅިގެން މަސައްކަތް ކުރެވެމުންދޭ.
މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ

މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީން ކުރިއަށް ގެންދާ ހުޅުމާލޭ ޕްރިޒަން ކޮމްޕްލެކްސްގެ މަޝްރޫއުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބަންދުގައި ބައިތިއްވާ ޑިޓެންޝަން ސެންޓަރުގެ ޖާގަ އިތުރުކުރަމުންވެސް ދާކަމަށެވެ.