ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަަށް ނިސްބަތްވާ ބޭފުޅުން އިސްތިއުފާ ދެއްވަންޖެހޭނަމަ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްވެސް ޖެހޭނީ އިސްތިއުފާ ދެއްވަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރެން ޕާޓީގެ ކައުންސިލުން ފާސްކުރުމާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި ވަޒީރުން އަންނަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ސަރުކާރުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ.
މިއަދު އޮތް ރައްޔިތުނެގެ މަޖިލީހުގެ މިއަހަރުގެ ފުރަތަަމަ ދައުރުގެ 18 ވަނަ ޖަލްސާގައިވެސް އެމްޑީޕީގެ ރައީސް ޞާލިޙްގެ ފެކްޝަނަށް ނިިސްބަވްވެވަޑައިގަންނަވާ މެމްބަރުންވަނީ ޖޭޕީ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި މެމްބަރުން އިސްތިއުފާދެއްވަންޖެހޭ ކަމަށް ގޮވާފައެވެ.
މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ، ޖޭޕީ އާއި އެމަނިކުފާނުގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ޖަލްސާގައި ވާހަކަދެއްކެވީތީ ވަރަށް އުފާވެއްޖެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޖޭޕީގެ މެމްބަރުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވި މެމްބަރުންނަށް ރައްދުދެއްވައި ގާސިމް ވިދާޅުވީ ޖޭޕީގެ ބޭފުޅުން އިސްތިއުފާދެއްވުމަށް ގޮވާލާއިރު، ޖޭޕީން މިސަރުކާރު ގެންނަން މަސައްކަތްކުރީ ކޯލިޝަން އެއްބަސްވުމެއްގެ ތެރެއިން ކަމަށެވެ.
އެ އެއްބަސްވުމުގައި ޖޭޕީއަށް ދޭން ކަނޑައަޅާފައިވާ މިންވަރަށް އަހުދުވެ ވައުދުވެފައިވާ ގޮތަށް ކަންކަން ކޮށްދެއްވިއްޖެތޯ އެބޭފުޅުން އަމިއްލައަށް ސުވާލުކޮށްލަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މަގާމުތަކުން ޖޭޕީގެ ބޭފުޅުން އިސްތިއުފާ ނުދެއްވުމަކީ ލަދުވެތިކަމެއް ނޫން ކަމަށާއި ކޯލިޝަން އެއްބަސްވުން ހެދިފައި އޮތީ ދައުރު ނިމެންދެން ކަމަށެވެ.
އެހެންކަމުން ގާސިމް ވިދާޅުވީ، ޖޭޕީއަަށް ނިސްބަތްވާ ބޭފުޅުން ސަރުކާރުން އިސްތިއުފާ ދެއްވަންޖެހޭނަމަ ރައީސް ޞާލިޙްވެސް އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށެވެ.
ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވަނީ، ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ތާއީދާއެކު ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ފަރާރު ފާސްކުރުމަށް ވޯޓު ނުދެއްވަނީ، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރާއި މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރ މަނިކު އެކަންޏެވެ.