ކުރިއަށްއޮތް 6 މަސް ނުވަތަ އަހަރު ދުވަހުގެ ތެރޭގައި ޖީއެސްޓީ އަލުން ތައާރަފްކުރުމުގެ ވިސްނުމެއް، ސަރުކާރުގެ ނެތްކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންވަރު އިބްރާހިމް މިހެން ވިދާޅުވީ، ޕާލަމެންޓްގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަންވަރު އިބްރާހިމް ވިދާޅުވީ، މެލޭޝިޔާގައި އަލުން ޖީއެސްޓީ ތައާރަފް ކުރެވެން ނެތީ، މެލޭޝިޔާގެ ރައްޔިތުންނަށް ލިބޭ އާމްދަނީގެ މިންވަރު އަދިވެސް ދަށްވުމުން ކަމަށެވެ.

އެހެންވެ، ޖީއެސްޓީ އަލުން ނަގަން ފެށުމަށް ސަރުކާރު ތައްޔާރު ނޫންކަމަށް ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.

"ރައްޔިތުންނަށް އާމްދަނީ ލިބޭ މިންވަރު އަދިވެސް ދަށް. އެހެންވެ، ކުރިއަށްއޮތް ހަމަސް ނުވަތަ އަހަރު ދުވަހުގެ ތެރޭގައި ޖީއެސްޓީ ނެގޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެކަމާ ފަހުން ވިސްނިދާނެ"
އަންވަރު އިބްރާހިމް

ގުޑްސް އެންޑް ސަރވިސަސް ޓެކްސް، ޖީއެސްޓީ މެލޭޝިޔާގައި ތައާރަފްކުރީ، ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ވެރިކަމުގައެވެ.

އެހެން ނަމަވެސް، ޖީއެސްޓީ އުވާލައި 2018 ވަނަ އަހަރުވަނީ ސޭލްސް އެންޑް ސަރވިސަސް ޓެކްސް، އެސްއެސްޓީ ތައާރަފް ކޮށްފައެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހިމްއަކީ ސަރުކާރުގެ ފައިނޭންސް މިނިސްޓަރވެސް މެއެވެ.

އަންވަރު ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ކެޕިޓަލް ގެއިންސް އަދި ލަގްޒަރީ ގުޑްސްއިން ޓެކްސް ނަގަން ފެށުމާއި، މުއްސަނދީންގެ އަތުން ޓެކްސް ނެގުމުގެ އުސޫލުތައް ހަރުކަށި ކުރުމުން، ޖީއެސްޓީ ނުނަގައި ފުއްދޭނެ ކަމަށެވެ.

ޓެކްސް ނުދައްކައި ސަލާމަތްވުމުގެ ފުރުސަތު މުއްސަނދި މަހުޖަނުންނަށް ދީގެން ނުވާނެ ކަމަށާއި، ޓެކްސް ނުދައްކައި، ހިމާޔަތް ލިބިގެން އާންމުކޮށް ތިބެނީ މުއްސަނދި މަހުޖަނުން ކަމަށާއި، އެއީ އައު ވާހަކައެއް ނޫންކަމަށް އަންވަރު އިބްރާހިމް ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކައި ތިބި މުއްސަނދީންގެ މައްސަލަ ތަހްގީގުކުރަން އަމުރު ކުރައްވާފައިވާ ވާނޭ ކަމަށެވެ. އޭގެ ތެރޭގައި ޕެންޑޯރާ ޕޭޕަރސްގައި ބަޔާންކޮށްފައިވާ މީހުންގެ މައްސަލަތައްވެސް ހިމެނޭކަމަށް އަންވަރު ވިދާޅުވިއެވެ.