ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދެ ވެރިކަން އުފެއްދުމުގައިވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޮޑު ހިއްސާއެއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް ހަލީމް) ވިދާޅުވެއްޖެއެވެ.

މެމްބަރު ހަލީމް މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރެން ޕާޓީގެ ކައުންސިލުން ފާސްކުރުމާ ގުޅިގެން ޖޭޕީއަށް ނިސްބަތްވާ ބޭފުޅުން ސަރުކާރުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި ވަޒީރުން ވިދާޅުވާތީ، އެކަމާ ގުޅިގެން ކަންބޮޑުވުންފާޅުކުރަމުން ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައިގައެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަަމަ ދައުރުގެ 18 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، އެމްޑީޕީ އިސްވެ އޮވެ އުފެއްދި ކޯލިޝަން ސަރުކާރަކަށް 2018 ވަނަ އުފެއްދި އަދުގެ ސަރުކާރު ވީނަމަވެސް، ސަރުކާރު އުފެއްދުމުގައި ޖޭޕީ ބޮޑު ހިއްސާއެއްވި ކަމަށެވެ. ޖޭޕީއަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ވަރަށް މުހިންމު ޕާޓީއެއްކަން ފާހަގަކުރައްވާ ހަލީމް ވިދާޅުވީ، އަބަދުވެސް ސަރުކާރުތައް އުފެއްދުމުގައި ޖޭޕީ އަދި ވަކިން ހާއްސަކޮށް ގާސިމް އިބްރާހިމް އިސް ރޯލެއް އަދާކުރައްވަމުން އަންނަ ކަމަށެވެ.

މެމްބަރު ހަލީމް ވިދާޅުވީ، ރާއްޖެއަަށް ގެނެވުނު އިސްލާހީ ހެޔޮ ބަދަލުތަކުގައި ގާސިމްގެ ދައުރު ބޮޑު ކަމަށާއި އެމަނިކުފާނަކީ ފުންނާބު އުސް ބޭފުޅެއް ކަމަށެވެ. އޭނާވަނީ ފެހި ގާނޫނު އަސާސީ ވުޖޫދުކުރުމުގައިވެސް އެންމެ އިސްކޮށް މަސައްކަތްކުރެއްވީ ގާސިމް އިބްރާހިމްކަން ފާހަގަކުރައްވާފައެވެ.

"ގާސިމަކީ ރާއްޖޭގަ އެމްޑީޕީގެ ފުރަތަމަ ވެރިކަން އުފެއްދުމުގައި ބޮޑު ހިއްސާއެއް ވީ ފަރާތެއް. އަޅުގަނޑުމެން 2018ގަ ހާލަތު އޮތް ގޮތުން ނިންމީ އެއް ކެންޑިޑޭޓަކު ނެރި ކޯލިޝަން ހަދައިގެން ފަސް އަހަރު އެކީގަ މަސައްކަތް ކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ވައުދެއްވެއްޖެއްޔާ އެވައުދާ އެއްގޮތަށް މަސައްކަތްކުރައްވާ ބޭފުޅެއް. ހިލާފުވާ ބޭފުޅެއް ނޫން"
ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް ހަލީމް)

ބިލެތްދޫ ދާއިރާގެ މެމްބަރު ވިދާޅުވީ، ޖޭޕީ މިކޯލިޝަނުން ވަކިނުވާނެކަމަށާއި ޖޭޕީގެ ބޭފުޅުން މަގާމުތަކުން އިސްތިއުފާދެއްވަން ނުޖެހޭނެ ކަމަށެވެ.

ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވަނީ، ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ތާއީދާއެކުއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާރު ފާސްކުރުމަށް ވޯޓު ނުދެއްވަނީ، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރާއި މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރ މަނިކު އެކަންޏެވެ.