2008 ވަނަ އަހަރުގެ އޮގަސްޓުމަހު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މާލިމީކަމުގެ ދަށުން ރާއްޖޭގެ ސިޔާސީ މައިދާނަށް ޖުމްހޫރީ ޕާޓީ އުފަންވިއިރު ވެސް، އެ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް މުހިންމު ޕާޓީއަކަށް އޮތީ ވެފައެވެ.
ރައްޔިތުންނަށް އިސްލާހީ ބަދަލުތަކެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ގާސިމްގެ މިސްރާބު ރާއްޖޭގެ ސިޔާސީ ދާއިރާއަށް އަމާޒުކުރެއްވުމުން، ޖުމްހޫރީ ޕާޓީއަށް ރައްޔިތުންދިން ތަރުހީބާއި ބަލައިގަތް ބަލައިގަތުމަކީ މިހާތަނަށް ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ލިބިފައިނުވާފަދަ ބޮޑު ޝަރަފެކެވެ.
އޭގެ ހެއްކަކަކީ އައު ގާނޫނު އަސާސީ ވުޖޫދުވީންސުރެ ރާއްޖޭގައި ގާއިމްވި ކޮންމެ ސަރުކާރަކީވެސް، އޭރަކު ރައްޔިތުން އެދޭ ގޮތަކަށް އިޖާބަދީގެން ޖުމްހޫރީ ޕާޓީގެ އެއްބާރުލުމާއެކު އުފެދުނު ސަރުކާރުތަކަކަށްވުމެވެ. ކޯލިޝަނެއް ކޯލިޝަނަކަށްވަނީވެސް ޖުމްހޫރީ ޕާޓީއާ އެކުގައޭ، ސިޔާސީ ބައެއް ފަރާތްތަކުން އައީ ބުނަމުންނެވެ.
މި ވާހަކަ މި ދައްކާ ދަނޑިވަޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ބޮޑު ނިންމުމެއް ނިންމާފައިވާ ދަނޑިވަޅެކެވެ. ހަމަޔަގީނުން ވެސް މި ނިންމުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހަށް ލޮޅުމެއް އަތުވެއްޖެއެވެ. 2023 ގެ އިންތިހާބަށް ޖުމްހޫރީ ޕާޓީންވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ސިޔާސީ މަސްރަހު ބަދަލުކުރުވާފަދަ ނިންމުންތަކެއްް ނިންމާފައެވެ.
އިންތިހާބަށް ތައްޔާރުވުމުގައި މީގެ ކުރިން ޖޭޕީ ހިމޭނުން އޮތްއިރު ޕާޓީގެ ތައްޔާރީތައް ފުލުފުލުން ފެށިގެން އައުމުގެ ކޮޅުމަތި ފެނުނީ، ހަތަރުވަނަ ގައުމީ ކޮންފަރެންސާއެކުއެވެ. ދަރުބާރުގޭގައި ބޭއްވި ކޮންފަރެންސްގައި އެޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ އިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ނިމުންތައް ނިންމާފައިވެއެވެ. މީގެ އިތުރުން، އަސާސީ ގަވާއިދަށް ގެންނަން ޕާޓީގެ ކައުންސިލުން އެންޑޯޒްކޮށްފައިވާ އިސްލާހުތަކަށް ބަހުސްކޮށް ގޮތެއް ނިންމުންވެސް މި ކޮންގްރެސްގައި އޮތެވެ.
މި ކޮންފަރެންސްގައި ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރައްވާ ރައްޔިތުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނީ ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަޙްމަދު، ހުށައެޅުއްވި ގަރާރަށެވެ. ގަރާރުގައިވަނީ ރިޔާސީ އިންތިޚާބުގައި، ޖުމްހުރީ ޕާޓީގެ ފަރާތުން ކެންޑިޑޭޓަކު ނެރުމަށް ނުވަތަ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ކުރިމަތިލުމަށް ގޮވާލާފައެވެ. މި ނިންމުން ނިންމަންޖެހުނީ ކޯލިޝަން ސަރުކާރުތަކުން ޖުމްހޫރީ ޕާޓީއަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ އަލީގައިއެވެ.
އޭގެފަހުންވެސް ޕާޓީގައި ތިއްބެވި ތަޖުރިބާކާރު އިލްމީ ބޭފުޅުން ގެންދެވީ، 2023ގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަނުކުރަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެ ޖުމްހޫރީ އޮޑި ރިޔާސީ އިންތިހާބަށް ތައްޔާރުކަމަށް ވިދާޅުވަމުންނެވެ.
އެއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް، އިއްޔެ ބޭއްވި އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ ކައުންސިލްގެ ސާފު އަގުލަބިއްޔަތުންނެވެ. ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު އަދި ނުދެއްކިނަމަވެސް ޖޭޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. އެހެންނަމަވެސް ޕާޓީގެ ލީޑަރު ބޭނުންވެއްޖެ ހިނދެއްގައި، ރިޔާސީ ޕްރައިމަރީއެއް ބޭއްވުމުގެ ފުރުސަތު ވެސް އަސާސީ ގަވައިދުގައިވާ ގޮތުން ލިބިގެންވެއެވެ.
ބޮޑު ނިންމުމާއެކު އައި ލޮޅުމުގައި ކޯލިޝަން ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ވަޒީރުންނަށް ފިޔަވަޅުއަޅަންވެސް، ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އަދި ސަރުކާރު ކޯލިޝަނުން ޕާޓީ ވަކިވެއްޖެކަމަށާއި އެ މަގާމުތައް އޮތަމެޓިކުން ހުސްވެއްޖެކަމަށް ވެސް އެއްބަޔަކު ބުނަމުން އެބަގެންދެއެވެ. އެހެންނަމަވެސް އެ ވިދާޅުވާ ވަޒީރުން އެބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން އެ ގެންދެވީ ދެން ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުގެ ވަޒީރުންނަށްވުރެވެސް ރަނގަޅަށް ކަމަށް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން އެންމެ ނިންމުމެއްގެ ސަބަބުން އެބޭފުޅުން ވަޒީފާތަކުން ނަގާ ހޫރާލުމަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ބަޔަކު ނިންމާނެ ވަރަށްވެސް ނާތަހުޒީބު ނިންމުމަކަށްނޫނީ ނުވާނެއެވެ.
ކޮންމެއަކަސް ޖުމްހޫރީ ޕާޓީން ކުރު މުއްދަތެއްގެ ތެރޭގައި ނިންމާފައިވާ މާސިންގާ ބޮޑެތި ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުން މިދާ ބަދަލުން ހާމަކޮށްދެނީ އެންމެ ކަމެކެވެ. ޖުމްހޫރީ ޕާޓީގެ ވިސްނުމާއި ފިކުރު ރައްޔިތުން ބަލައިގެންފައިވާ މިންވަރެވެ. ސިޔާސީ މައިދާނުގައި ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ ބާރެވެ. ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ ވެރިކަން ދެމެހެއްޓުމުގެ ކާލާ މަންނަކަމެވެ. ޕާޓީގެ ލީޑަރުގެ ދުރު ވިސްނުންފުޅަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާ ވިސްނުންފުޅެއްކަމެވެ.