ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މިބިލަކީ 27 ފެބުރުއަރީ 2023ގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މިބިލްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ، ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާއިން ޚާއްޞަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމެވެ.

މީގެއިތުރުން، ދައުލަތުގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި އެ ފަންޑު ހިންގުމާގުޅޭ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމާއި، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމު ހިންގާނެ ގޮތުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމާއި ތަންފީޛުކުރުމުގައި ހުރި ދަތިތައް ނައްތާލުމަށްޓަކައި ކަމާގުޅޭ ޚާއްޞަ އުސޫލުތަކެއް ޤާނޫނުގައި ހިމެނުމާއި، ޤާނޫނާ ޚިލާފުވާ ޙާލަތްތަކުގައި އެ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިޞްލާޙުކުރުމާއި، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުންވެސް ހިމެނެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ މިބިލްގައި، ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުން ވަކި މާއްދާއެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ. އަދި ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާއަށް މައާފުދީ ނުވަތަ ލުއިދެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓް ކުރުމަށާއި، ދައުލަތުގެ ދަރަނި އަދާކުރުމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ބޭނުމަށްޓަކައި، ސޮވްރިން ޑިވެލޮޕްމަންޓްފަންޑުގެ ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ކަސްޓޯޑިއަން އެކަންޓެއް ޤާއިމްކޮށް ބަލަހައްޓަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވިއެވެ. އަދި ދައުލަތުގެ ފައިސާއާ ހިސާބާއި ހިސާބުގެ ލިޔެކިޔުމުގެ ނިޒާމު ބަލަހައްޓައި ހިންގުމަށްޓަކައި، އެކައުންޓަންޓް ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަނު ކުރެވޭނެ ގޮތާއި، އެމަޤާމުގެ ޝަރުޠުތަކާއި މަސްޢޫލިއްޔަތައްވެސް ވަނީ ބިލްގައި ބަޔާންކޮށްފައެވެ.

މިބިލްގައި، ދައުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމެއް ޤާއިމްކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމުގެ މަސްޢޫލިއްޔަތުތައް ބަޔާންކޮށް، 7 މެމްބަރުންގެ މައްޗަށް އެކުލެވޭ އިންޓަރނަލް އޮޑިޓް ކޮމިޓީއެއް އުފެއްދުމަށްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ. އަދި މީގެ އިތުރުން ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމްގެ ކަންކަން ކަނޑައެޅުމަށްޓަކައި މި ބިލުގައި ވަނީ، ވަކި ޗެޕްޓަރެއް ހިމަނާފައެވެ. މީގެ އިތުރުން ހުއްދަ ނޫން ޢަމަލެއް އެއްވެސް ފަރާތަކުން ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ދަށުން ޢަމަލުކުރަންޖެހޭނެ ގޮތްތައްވެސް މިބިލްގައި ވަނީ، ބަޔާންކޮށްފައެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް 7 ވަނަ ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.