2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެ ކުރުމުގެ ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން މިއަދުން ފެށިގެން އުވާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ، އެއްގަމުގައި ދުއްވާ އިންޖީނު ލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ގެނައި އިސްލާހާއެކު ވަރަށް ބޮޑު ފަސޭހައެއް ރައްޔިތުންނަށް ލިބިގެން ދާނެކަމަށެވެ.
ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެ ކުރާއިރު، އެންމެ ފުރަތަމަ ނަގަން ޖެހޭ ފޯމަކީ L10 ފޯމެވެ. L10 ގެ ބޭނުމަކީ ރާއްޖޭގައި ރަޖިސްޓަރީ ކުރެވޭ އުޅަނދުގެ އުމުރުފުރާ ބަލައި އެކަން ޔަގީން ކުރުމަށް ކުރިން ކަނޑައަޅާފައިވާ ކޮންޓްރޯލް ނިޒާމެވެ. މި މިބަދަލު ގެނައުމާއެކު މި ކޮންޓްރޯލް ދެންބަލާނީ މިގަވާޢިދުގައި ބަޔާންކޮށްފައިވާ ލިޔުންތައް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުންނެވެ. މިގޮތަށް ބަދަލު ގެނައުމުން ކުރިން 2 ޕްރޮސެސްއެއްގައި ބަލަމުން ދިއަކަންކަން އެއް ޕްރޮސެސްއަކުން ބަލައި ޔަގީންކުރެވި މަސައްކަތް އަވަސްވެގެންދާނެކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
މިއިސްލާހު ގެނައުމާއި ހަމައަށް L10 ގެ ގޮތުގައި ހަތަރު ފިރޮޅު ލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ކުރިން ހުއްދައެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން ހޯދަންޖެހެއެވެ. އަދި މި ހުއްދަ ހޯދުމަށްޓަކައި އެ އުޅަނދުގެ މަޢުލޫމާތު ހިމެނޭ ޑީ ރަޖިސްޓްރޭޝަން ފޯމު ނުވަތަ ރަޖިސްޓަރީ ނުކުރާ އުޅަނދެއްނަމަ އެ އުޅަނދު އުފެއްދި ކުންފުނިން ދޫކުރާ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. އަދި މި ލިޔުމަކީ އޮރިޖިނަލް ލިޔުމަކަށްވެސް ވާންޖެހެއެވެ.
މި ލިޔުމުގައި ހުރުމަށް ލާޒިމްކުރާ ގިނަ މަޢުލޫމާތަކީ ބައެއް ގައުމުތަކުން ހޯދުމަށް ދަތިތަކެއް ދިމާވަމުންގޮސްފައިވާ މަޢުލޫމާތުތަކެއްކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ މި ލިޔުން ހޯދުމަށްޓަކައި ގަރާޖާއި ބެހޭ މައުލޫމާތު ނުވަތަ ގަރާޖު ހުއްދަ ހުށަހަޅަން ޖެހޭކަމަށްވެސް އޭނަ ވިދާޅުވިއެވެ.
އަލަށް ގެނައި ބަދަލާއެކު L10 ހުއްދަ ހޯދުމަކާ ނުލައި އުޅަނދު ފަހަރު ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނެއެވެ. އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ LR1 ގެ ފޯމާއެކު މުޅިން އައު އުޅަނދެއްނަމަ މެނިފެކްޗަރ ސެޓްފިކެޓް ނުވަތަ އުޅަނދު އުފެއްދި ފަރާތުން ދޫކުރާ ލިޔުން ނުވަތަ އިންވޮއިސް ނުވަތަ ޑީ ރަޖިސްޓްރޭޝަން (ޑިލީޝަން ސެޓްފިކެޓް/ ރަޖިސްޓަރީ ބާތިލު ކުރިކަމުގެ ލިޔުން) ނުވަތަ އެކްސް ޕޯޓް ސެޓްފިކެޓްގައި އެ އުޅަނދު އުފެއްދި ކުންފުނީގެ ނަން، މޮޑެލް ނަންބަރު، އިންޖީނު ނަންބަރު، ޗެސިސް ނަންބަރު އަދި އުޅަނދު އުފެއްދި އަހަރު ބަޔާންކޮށްފައި އޮތުމުނެ ފުދޭނެއެވެ. އަދި ރޯޑު ވާދިނަސް ރިޕޯޓާއި، ގަރާޖުކުރުމަށް ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންޖެހެއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން ދެމުންގެންދާ ޚިދުމަތް ރައްޔިތުންނަށް އަވަހަށް އަދި ފަސޭހައިން ލިބޭނެގޮތަށް ކަންކަން ތަރުތީބު ކުރުމަށް ކުރެވޭ މަސައްކަތުގައި L10 އުވާލުމަކީ ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދިޔަ ކަމެއްކަމަށް ގިނަބަޔަކު ދެކެއެވެ.
އޮންލައިންކޮއް ވެހިކަލް ރަޖިސްޓޓުރީ ކޮންއެޕަކުންތޯ