ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވިގެން ދިޔުމާއި އެކު ފަރެސް މާތޮޑާއަށާއި އެސަރަހައްދުގެ ތަރައްޤީއަށް ކުރިއަށް ދެންއޮތީ މާ ފަހި ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިސަރުކާރުން ގދ. ފަރެސްމާތޮޑާގައި ތަރައްޤީކުރި އެއާޕޯޓް ހުޅުވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް، ހުވަދު އަތޮޅުގެ އެންމެ ރަށެއްފިޔަވައި ހުރިހާ ރަށަކުންވެސް އެންމެ ގިނަވެގެން 20 މިނެޓާއި 30 މިނެޓާ ދެމެދުގެ ރާސްތާއެއްގައި ދަތުރުކުރެވޭ އެއާޕޯޓެއް މިހާރު އޮންނާނެ ކަމަށެވެ.
އެހެން އަތޮޅުތައް ވެސް ސަރުކާރުގެ އެ މިންގަނޑަށް ފައްތަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މި ސަރުކާރުން މިހާރު ކުރިޔަށްގެންދާ އެއާޕޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެ ވައިގެ ބަނދަރުތައް ޤާއިމުކޮށް ނިމޭއިރު، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި، ލާމެހިގެންދާނެ ކަމަށާި، ވަޒީފާގެ ފުރުޞަތުތައް އިތުރުވެ އިޤްތިޞާދީ ޙަރަކާތްތަކަށް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތުގައި ފަރެސްމާތޮޑާގެ ރައްޔިތުންގެ ބައިވެރިވުން ފާހަގަކުރައްވައި، އެއާޕޯޓާއިއެކު މިހާރުވެސް އެރަށަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން އެއާޕޯޓް ސަރަހައްދުގައި މަރުކަޒީ އިންޖީނުގެއެއް ޤާއިމްކުރެވި، ކަރަންޓުގެ ވިއުގައިގެ ފެންވަރު ރަނގަޅު ކުރެވިފައިވާ ކަމަށާއި، ލަހެއްނުވެ ނަރުދަމާ ނިޒާމްގެ މަސައްކަތް ވެސް ނިމިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއާޕޯޓާއި ފަރެސްމާތޮޑާ ގުޅުވައިދޭ ދާއިމީ ކޯޒްވޭގެ މަސައްކަތް ނިމުމާއިއެކު، ފަރެސްމާތޮޑާ ބަނދަރުން އެއާޕޯޓަށް ދަތުރުކުރާ މަގުގައި ތާރު އެޅުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެއާޕޯޓާއެކު ވަޒީފާގެ ފުރުޞަތާއި އިޤުތިޞާދީ އެތައް ފުރުޞަތެއް ފަރެސްމާތޮޑާއާއި ކައިރިރަށްތަކުގެ ރައްޔިތުންނަށް ހުޅުވިގެންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިޔަށް އޮތީ އަދި މާފަހި ދުވަސްތަކެއް ކަމަށެވެ.
އަލަށް ހުޅުވުނު ފަރެސްމާތޮޑާ އެއާޕޯޓަކީ، ހުވަދުއަތޮޅުގެ 4 ވަނަ އެއާޕޯޓެވެ. ފަރެސްމާތޮޑާ އެއާޕޯޓަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާފައިވާ، ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ އެއާޕޯޓެކެވެ.
މި އެއާޕޯޓުގެ ޕެސެންޖަރ ޓަރމިނަލަކީ، ދިވެހިރާއްޖޭގެ ރަށްތަކުގެ މަލަމަތިން ފެންނަ އޮޑިހަރުގެ ދައްކުވައިދޭގޮތަށް، އަދި ތިމާވެށްޓާއި ރައްޓެހިގޮތްތަކަށް ބަލައިގެން ފަރުމާކޮށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ. މީގެއިތުރުން އެހެން އެއާޕޯޓުތަކާއި މި އެއާޕޯޓު ތަފާތުވާ އަނެއް ކަމަކީ، މީހުން ފުރުވަންދާ ފަރާތްތަކަށްވެސް، މަތިންދާބޯޓަށް މީހުން އަރާމަންޒަރު ފެންނާނޭހެން އެއާޕޯޓުގެ ޓަރމިނަލް ފަރުމާކޮށްފައިވުމެވެ.