ޖުމްހޫރީ ޕާޓީން އަންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމީ އެތައް ބައެއްގެ އިލްތިމާސްއާއިއެކުގައި ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ޖުމްހޫރީ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް ނިންމާފައިވާއިރު މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ކައުންސިލްގެ ސާފު އަޣުލަބިއްޔަތުންނެވެ.

ޖުމްހޫރީ ޕާޓީގެ މިނިންމުމާއިއެކު ރާއްޖޭގެ ސިޔާސީ މަސްރަހަށް ލޮޅުންތަކެއް އައިސްފައިވާ މި ދަނޑިވަޅާއި ދިމާކޮށް އަމީން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޕާޓީން ކެންޑިޑޭޓަކު ނެރުނީ ބައެއް ޕާޓިތަކުގެ އިސްވެރިންނާ ޖުމްހޫރީ ޕާޓީގެ ގިނަ މެންބަރުންނާ އެތައް ރައްޔިތުންނެއް ކެނޑިނޭޅި ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމަށާއި ޕާޓިގެ އެކި ބޭފުޅުންނަށް ކުރެއްވި އިލްތިމާސްއާއިއެކުގައި ކަމަށެވެ.

އެހެންކަމުން ޖުމްހޫރީ ޕާޓީގެ މިނިންމުމާއިއެކު އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ހަމަޖެހުމާއި ފާގަތިކަން ލިބޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ޕާޓީގެ މި ނިންމުމަށް ބާރުދީ ނިމިދިޔަ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދުވަނީ ގަރާރެއް ހުށައަޅާފައެވެ. އެ ގަރާރުގައިވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނުވަތަ ޕާޓީ އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީގެ ކައުންސިލަށް ލަފާއަރުވާށެވެ.

ޖުމްހޫރީ ޕާޓީގެ މި ނިންމުމާއިއެކު ސަރުކާރުގައި ޕާޓީ ހިއްސާވާ އެކި މަގާމުތަކުން ޕާޓިގެ މެންބަރުން އިސްއުފާދީ ދުރައްޖެހުމަށް ގޮވާލަމުން އަންނާތީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީއަަށް ނިސްބަތްވާ ބޭފުޅުން އިސްތިއުފާ ދެއްވަންޖެހޭނަމަ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްވެސް ޖެހޭނީ އިސްތިއުފާ ދެއްވަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ، މަގާމުތަކުން ޖޭޕީގެ ބޭފުޅުން އިސްތިއުފާ ނުދެއްވުމަކީ ލަދުވެތިކަމެއް ނޫން ކަމަށާއި ކޯލިޝަން އެއްބަސްވުން ހެދިފައި އޮތީ ދައުރު ނިމެންދެން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރުމަށް ނެގި ވޯޓުގައި މި ގަރާރު ފާސްކުރުމަށް ވޯޓު ނުދެއްވަނީ، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރާއި މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރ މަނިކު އެކަންޏެވެ.