އުމްރާނީ ތަރައްގީގައި ރާއްޖެ މިހާ ހިސާބަށް ދަތުރުކުރީ ރާއްޖޭގައި އެކި ޒަމާނުގައި ވެރިކަންކުރެއްވި ވެރިންގެ ތަސައްވުރުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ ފަރެއްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުތައް ބަދަލުވިޔަސް ދައުލަތް ދެމިއޮންނަ ކަމަށާއި ވުމާއިއެކު ރައްޔިތުންގެ ބޭނުންތައް ސަރުކާރުތަކުން ފުއްދައިދޭން ޖެހޭނެ ކަމަށެވެ. މިއާއި ހިލާފަށްވެސް ރާއްޖޭގެ ސަރުކާރުތަކުން ކަންކަން ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް މި ސަރުކާރުން ކޮންމެ ބަޔަކު ފެއްޓި މަސައްކަތެއްނަމަވެސް އެކަމަށް އެއްބާރުލުން ދެމުންދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮވިޑާއިއެކުގައި ދިމާވި އިގްތިސާދީ ދަތިކަމާއިއެކުގައިވެސް ފަރެސްމާތޮޑާގެ އެއާޕޯޓުގެ އަމަލީ މަސައްކަތް ދިޔައީ ކުރިއަށް ކަމަށާއި އެއާޕޯޓުގެ ސަބަބުން އަތޮޅުގެ ރަށްތަކުގެ އިތުރުން މި ސަރަހައްދަށްވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މިސަރުކާރުގެ އެބައޮތް ވަރަށް ސާފު ތަސައްވަރެއް. ތަރައްގީއަށް ބޭނުންވާ އެންމެ އަސާސީ އެއްކަމަކީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުން. ވައިގެ ދަތުރުފަތުރުގެ ކަންކަމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ. ދެން ހުރި ކަންތައްތައް ކޮށް ނިންމާލެވުނީމަ ދެން ރާއްޖޭގައި އެއާޕޯޓުތައް އަޅާކަށް ނުޖެހޭނެ."
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލަމް ވަނީ އެކި ސަރުކާރުތަކުން ގާއިމްކޮށްފައިވާ އެއާޕޯޓުތައް އަލުން ތަރައްގީކުރަން ޖެހޭނެ ކަމަށް އެމަނިކުފާނުވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ވައިގެ ދަތުރުގެ އިތުރުން ކަނޑުދަތުރުފަތުރުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތްވެސް އެކަށައަޅާ ނިންމާފައިވާ ކަމަށާއި މި ޕްލޭންގެ ދަށުން ހަތަރު އަތޮޅެއްގައި މިހާރުވެސް އާރްޓީއެލް ފެރީގެ ނިޒާމު ގާއިމްކުރެވި ނިމިފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ދެލައްކައަށްވުރެ ގިނަ މީހުން ހަމަސްދުވަހުގެ ތެރޭގައި ދަތުރަށް އަރައިފި. އިރާދަކުރެއްވީއަ ދެކުނު ރީޖަން ހިމެނޭ ގއ އަދި ގދ ގެ ދަތުރުތައް ޖުލައިމަހު ފަށާނަން. "
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

ފަރެސްމާތޮޑާ އެއާޕޯޓަކީ، ހުވަދުއަތޮޅުގެ 4 ވަނަ އެއާޕޯޓެވެ. ފަރެސްމާތޮޑާ އެއާޕޯޓަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހެދިފައިވާ އަދި ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ އެއާޕޯޓެކެވެ.

އަދި މިއެއާޕޯޓުގެ ޕެސެންޖަރ ޓަރމިނަލަކީ، ދިވެހިރާއްޖޭގެ ރަށްތަކުގެ މަލަމަތިން ފެންނަ އޮޑިހަރުގެ ދައްކުވައިދޭގޮތަށް، އަދި ތިމާވެށްޓާއި ރައްޓެހިގޮތްތަކަށް ބަލައިގެން ފަރުމާކޮށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.

މީގެ އިތުރުން އެހެން އެއާޕޯޓުތަކާއި މިއެއާޕޯޓު ތަފާތުވާ އަނެއް ކަމަކީ، މީހުން ފުރުވަންދާ ފަރާތްތަކަށްވެސް، މަތިންދާބޯޓަށް މީހުން އަރާމަންޒަރު ފެންނާނޭހެން އެއާޕޯޓުގެ ޓަރމިނަލް ފަރުމާކޮށްފައިވުމެވެ.