ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގެ 49 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ ފާޓީގެ ހުރިހާ މެންބަރުންނަށް އާންމުކޮށް ހުޅުވާލައިގެން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަކުންނެވެ.

ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަން ހާމަކޮށް އެ ޕާޓީން ކުރި އިއުލާނުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ސައުގުވެރިވާ، އެ ފާޓީގެ ހުރިހާ މެންބަރުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައި ކަނޑައަޅާފައިވާ ސަރުތުތައް ފުރިހަމަވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން އެކަމަށް އެދި ފޮނުވާ ސިޓީއާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއި، އެ މީހާގެ ވަނަވަރު މިމަހުގެ 30ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ޖޭޕީގެ މައި އޮފީސް، މ. ކުނޫޒަށް ހުށަހެޅުމަށް ޖޭޕީން ވަނީ އެދިފައެވެ.