ވޯރާވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލެވުނު ފަހުން މިއީ ބިދޭސީންގެ އަތް ދަށަށް ރާއްޖެ އެންމެ ބޮޑަށް ގޮސްފައިވާ ދުވަސްވަރު ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ދިވެހި ވިޔަފާރިވެރިންނަށް ވުރެ ބިދޭސީ މީހުން ވިޔަފާރިތަކަށް އަތްގަދަ ކުރަމުންދާ ދިޔުމާ ގުޅޭގޮތުން ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގެ ވިޔަފާރި ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތްދަށުގައި ކަމަށާއި އެގޮތުން އާންމު ވިޔަފާރިތަކާއި ހޮޓާ ވިޔަފާރިތަކަށް ބެލިކަމުގައިވިޔަސް ފެންނަނީ އެ މަންޒަރު ކަމަށެވެ.
ބޭރުގެ ނުފޫޒު ރާއްޖެއަށް އެންމެ ގަދަވި ޒަމާނަކީ މިދުވަސްވަރުކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ގައުމުގެ ހާލަތު މިހާރު އޮތީ ބިދޭސީން އެ މީހުން ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދީފައިވާ ތަން ކަމަށެވެ.
ބިދޭސީންގެ މައްސަލައަކީ ސަރުކާރުން ހައްލުކުރާނެ ކަމަށް ވައުދުވި ކަމެއް ކަމަށާއި އެހެންނަމަވެސް އެ މައްސަލަވެސް ހައްލުވިތަނެއް ނުފެންނަ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބުނުކަން ފާހަގަކުރައްވާ މެމްބަރު ވަނީ ސަރުކާރަށް ފާޑުވިދާޅުފައެވެ.
ގައުމު މިއަދު މިއޮތީ ޚާރިޖީ ސިޔާސަތުތައް އަމިއްލައަށް ނިންމާނުލެވޭ ހިސާބުގައި ކަމަށާއި ޚާރިޖީ ސިޔާސަތު މިހާ ދެރަވަރު ޒަމާނެއް ދުވަހަކު ނުދެކޭ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.