ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހި ގައުމަށް ދެރައެއް ލިބޭފަދަ އެއްބެސްވުމެއްގައި ސަރުކާރަކުން ސޮއި ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ވަނީ، ސަރުކާރާއެކު އިންޑިއާއިން ހަދާފައިވާ ސިއްރު އެއްބަސްވުންތަކާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ ސަރުކާރަށް ކުރާ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ އިންޑިއާ އާއި، ރާއްޖެއާ ދެގައުމުގެ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން އިދިކޮޅު ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކުން ފާޑުކިޔާ އަޑެއް ނާހާކަމަށެވެ.

މިއުވާން ވިދާޅުވީ، މި ސަރަހައްދަށް ބަލާލާއިރުވެސް، ރާއްޖެއަށް އެންމެ ބޮޑު އެހީކަމެއް ފޯރުކޮށްދެނީ އިންޑިއާއިން ކަމަށާއި، އިންޑިއާއާއެކު ވަރަށް ގާތް ގުޅުމެއް އޮތް ނަމަވެސް، އެ ގުޅުމާ ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަކަށް ނުވަތަ ރައްޔިތުންނަށް އޮޅުން އަރާފަދަ ގޮތަކަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުން ގެންދާ ވާހަކަތަކަކީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއް ކަމަށެވެ.

މީގެއިތުރުން، މިއުވާން ވަނީ ދޭދޭ ގައުމުތަކުގެ މެދުގައި ސޮއިކުރެވޭ ގިނަ އެއްބަސްވުންތަކަކީ ސިއްރުކުރެވިފައި ހުންނަ އެއްބަސްވުންތަކެއް ކަމަށާއި، އެފަދަ އެއްބަސްވުންތަކަކީ އާންމު ކުރެވޭނެ އެއްބަސްވުންތަކެއް ނޫން ކަން ފާހަގަކުރައްވާފައެވެ.

ދޭދޭ ގައުމުތަކުގެ މެދުގައި ސޮއިކުރެވޭ ގިނަ އެއްބަސްވުންތަކަކީ، ސިއްރުކުރެވިފައިހުންނަ އެއްބަސްވުންތަކެއް. ބައިލެޓެރަލް ނުވަތަ މަލްޓިލެޓެރަލް އެއްބަސްވުންތަކަކީ ތަފާތު އެކިއެކި ސަބަބުތަކާ ހުރެ ސިއްރުކުރެވިފައި ހުންނަ އެއްބަސްވުންތަކެއް. އެހެންކަމުން އެފަދަ އެއްބަސްވުންތަކަކީ އާންމު ކުރެވޭނެ އެއްބަސްވުންތަކެއް ނޫން. ކުރީ ސަރުކާރުންތަކުންވެސް އެކި ގައުމުތަކާ އެކު ގާއިމް ކުރެވޭ އެއްބަސްވުންތަކަކީ، އެ އެއްބަސްވުންތަކުގެ ސިއްރު ހިފެހެއްޓޭ ތަކެތި.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

އެ އެއްބަސްވުންތަކުގެ ސިއްރު ހިފެހެއްޓިނަމަވެސް މިއުވާން ވަނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކަކީ ދިވެހި ގައުމާއި، ދިވެހި ރައްޔިތުންްގެ ފައިދާއަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކެއް ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން މި އެއްބަސްވުންތަކުގެ ސަބަބުން ދިވެއްސަކަށް ނުވަތަ ދިވެހި ގައުމަށް ގެއްލުމެއް ނުލިބޭނެ ކަމަށާއި، ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކަށް ދިވެހި ސަރުކާރުންވެސް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ.