އިނގިރޭސި ފުޓުބޯޅައިގެ ގަދަބާރު، މެންޗަސްޓަރ ސިޓީން މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާ، އާލިންގް ހާލަންޑުގެ ސޮއި ހޯދައި، އޭނާ އެ ޓީމަށް ގެނައީ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްޓަކައިކަމަށް ހާލަންޑު ބުނެފިއެވެ.

ހާލަންޑު މިހެން ބުނެފައިވާއިރު، މުބާރާތުގެ ތާރީޚުގައި ވެސް ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. ޗެމްޕިއަންސް ލީގަކީ ސިޓީގެ ޓްރޮފީ ކެބިނެޓުގައި މިވަގުތު މަދުވާ ދެ ޓްރޮފީގެ ތެރެއިން އެއް ޓްރޮފީއެވެ. ސިޓީއަށް ޗެމްޕިއަންސް ލީގުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ މުބާރާތުގެ ރަނަރަޕްކަން ހޯދުމެވެ. އެއީ 2021 ވަނަ އަހަރުއެވެ. އެފަހަރު ސިޓީ ބަލިވީ، ފައިނަލުގައި ޗެލްސީއާ ވާދަކޮށްގެންނެވެ.

ޗެމްޕިއަންސް ލީގުގައި ސިޓީގެ ނާކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން ހާލަންޑު ބުނީ، ފާއިތުވީ ފަސް ސީޒަނުގެ ތެރެއިން ހަތަރު ސީޒަނުގައި ޕްރިމިއަރ ލީގު ކާމިޔާބުކުރީ ސިޓީން ކަމަށާއި، ޕްރިމިއަރ ލީގު ކާމިޔާބުކުރުމަށް ސިޓީއަށް އޭނާގެ އެހީތެރިކަން ބޭނުންނުވާ ކަމަށެވެ. އޭނާ އެ ޓީމަށް ގެނައުމުގެ މައިގަނޑު ސަބަބަކީ، ކުލަބަށް އިތުރު ކާމިޔާބީއާއި ޝަރަފު ހޯދައިދީ، ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ކަމަށް ހާލަންޑު ބުންޏެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އަޒުމުގައި ހާލަންޑު ހުރިއިރު، އޭނާ ވަނީ އެންމެފަހުން އެ ޓީމުން މުބާރާތުގައި ކުޅުނު މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އާރްބީ ލައިޕްޒިގާ ދެކޮޅަށްކުޅެ ސިޓީ 0-7 އިން މޮޅުވި މި މެޗުގައި ޖެހި ފަސް ލަނޑާއެކު ހާލަންޑަކީ، މުބާރާތުގެ އެއް މެޗުގައި ފަސް ލަނޑު ޖެހި ތިން ކުޅުންތެރިންގެ އެއް ކުޅުންތެރިޔާއަށް ވަނީ ވެފައެވެ. ދެން އެއް މެޗުން މި އަދަދަށް ލަނޑު ޖަހާފައިވަނީ 2012 ވަނަ އަހަރު ލިއޮނެލް މެސީއާއި 2014 ވަނަ އަހަރު ލުއިސް އެޑްރިއާނޯއެވެ.

ހާލަންޑު ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް 10 ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު އޭނާއަކީ މުބާރާތުގައި މިވަގުތު ޓޮޕް ސްކޯރާ ވެސް މެއެވެ.

މުބާރާތުގައި މެންޗަސްޓަރ ސިޓީއަށް ކުރިއަށް ދެން އޮތީ، ކުއާޓަރ ފައިނަލުގެ މެޗުތަކެވެ.