ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ، ފީފާގެ ރައީސްކަމުގެ މަގާމަށް އަކެއްކާވެސް ޖިއާނީ އިންފަންޓީނޯ އިންތިޚާބުކޮށްފިއެވެ.

މިއާއެކު މިއީ ފީފާގެ ރައީސް ކަމުގެ މަގާމަށް އިންފެންޓީނޯ އިންތިޚާބުކުރާ، ޖެހިޖެހިގެން ތިންވަނަ ދައުރެވެ.

ތިންވަނަ ދައުރަކަށް އިންފަންޓީނޯ އެ މަގާމަށް އިންތިޚާބުވިކަން އިއުލާނުކޮށްފައިވަނީ، ރުވާންޑާގައި ބޭއްވި ފީފާގެ 73 ވަނަ ކޮންގްރެސްގެ ތެރެއިންނެވެ.

އެ މަގާމަށް އޭނާ އިންތިޚާބުވީ، ވޯޓުލުމަކާ ނުލައެވެ. އެއީ، ރައީސްގެ މަގާމަށް ކުރިމަތިލުމަށް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ހުޅުވާލުމުން، އެ ޖަމިއްޔާގެ މެމްބަރު އެސޯސިއޭޝަންތަކުން ހުށަހެޅީ ހަމައެކަނި އިންފަންޓީނޯގެ ނަން އެކަނި ކަމަށްވާތީއެވެ. ރައީސްގެ މަގާމަށް އޭނާ އިންތިޚާބުވިކަން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ކަށަވަރުވެފައެވެ.

މަގާމަށް އިންތިޚާބުވިކަން އިއުލާނުކުރުމުން ކޮންގްރެސްއަށް ހާޒިރުވި މެމްބަރުންނާ ވާހަކަދައްކަމުން އިންފަންޓީނޯ ބުނީ، ފީފާގެ ރައީސަކަށް ވުމަކީ ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ނަމަވެސް، އެއީ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. މި މަސްއޫލިއްޔަތު އަދާކުރުމުގައި އިހުލާސްތެރިކަމާއެކު ދެމިހުންނާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ.

ސްވިސް-އިޓާލިއަން ދަރިކޮޅަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ އިންފެންޓީނޯ އެ މަގާމާއި އެންމެ ފުރަތަމަ ހަވާލުވީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އޭނާ އެ މަގާމާއި ހަވާލުވީ، ފީފާގެ ރައީސް ކަމުގެ މަގާމު 17 އަހަރު ވަންދެން އަދާކުރި ސެޕް ބްލެޓަރ، 2015 ވަނަ އަހަރުގެ ތެރޭގައި ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. ބްލެޓަރ ސަސްޕެންޑު ކުރީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެންމަތިވި ހިސާބުންނެވެ. އެ ސަސްޕެންޝަން 2026 ވަނަ އަހަރުގެ ނިޔަލަށް ދެމި އޮންނާނެއެވެ.

އިންފަންޓީނޯ އަކީ ފީފާގެ 9 ވަނަ ރައީސް އެވެ. ފީފާގެ ރައީސް ކަމުގެ މަގާމު އަދާކުރުމުގެ ކުރިން އޭނާ ވަނީ، ޔޫރަޕު ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، ޔޫއެފާގެ ޑިރެކްޓަރ އޮފް ލީގަން އެފެއާޒް އެންޑް ކްލަބް ލައިސެންސިންގެ މަގާމާއި، ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގެ އިތުރުން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އަދާކޮށްފައެވެ.