ރަޖިސްޓްރީނުކޮށް ހިންގާ ސްކީމްތަކުން މާލީ ގެއްލުމެއް ލިބިފައިވާނަމަ ރިޕޯޓްކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އަންގައިފިއެވެ.

ސީއެމްޑީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލީ ސެކިއުރިޓީޒްގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ އެއްވެސް ބާވަތެއްގެ މުއާމަލާތެއް، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާއި އެއްގޮތަށް އެކަމަށް ނަގަންޖެހޭ ހުއްދަ ނުނަގައި ނުވަތަ ލައިސެންސް ނުނަގައި، ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާފަދަ ގޮތަކަށް އިސްތިހާރުކޮށް އަމަލުކުރުމަކީ މަނާކަމެއްކަމަށެެވެ.

އޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް ހިންގާ ސްކީމެއްގައި ބައިވެރިވެގެން އިންވެސްޓަރުންނަށް ގެއްލުމެއް ލިބިފައިވާނަމަ އެ އޮތޯރިޓީއަށް ޝަކުވާ ހުށައަޅަން މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ހުޅުވާލުމުން ލިބިފައިވާ ޝަކުވާތަކުގެ މައްސަލަތައް ބަލާ މިހާރު ތަހުގީގުކުރަމުންދާކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މިފަދަ ސްކީމްތަކުގައި އިންވެސްޓްކޮށްގެން އެއްވެސް އިންވެސްޓަރަކަށް މާލީ ގެއްލުމެއް ލިބިފައިވާނަމަ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ އޮތޯރިޓީއަށް އީމެއިލް މެދުވެރުކޮށް ޝަކުވާ ހުށައެޅުމަށް ވަނީ އަންގާފައެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަގްސަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ރެގިއުލޭޓްކޮށް، ސެކިއިރުޓީޒްގެ ހިދުމަތް ފޯރުކޮށްދިނުމުގެ އެންމެހާ ހުއްދަތައް ދޫކުރުމާއި، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީޒްގެ މުއާމަލާތުތަކުގައި ނޭދެވޭ އަމަލުތައް ކުރިޔަނުދިނުމާ، ސެކިއުރިޓީޒްގެ ބާޒާރާމެދު އިތުބާރު ގެންލޭފަދަ އަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެއެެވެ.

އެއޮތޯރިޓީން ސެކިއުރިޓީޒް މަނާކޮށްފައިވަނީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން ފޯރުވައިދޭ ފައިސާއިން ނުވަތަ މުދަލުން ވިޔަފާރިއަކަށް ނުވަތަ ނަފާ ހޯދުމަށް ހިންގާ ހަރަކާތަށް އިންވެސްޓްކޮށް، ފައިސާ ނުވަތަ މުދާ ލިބިދެވުނު ފަރާތުގެ މަސައްކަތުން އެ ވިޔަފާރިއަކުން ލިބޭ ފައިދާއިން، ނުވަތަ އެފަދަ އެހެން ގޮތަކުންނަމަވެސް، ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ނުވަތަ މާލި ނަފާއެއް ލިބިދިނުމުގެ ނުވަތަ ލިބިގަތުމުގެ މަގްސަދުގައި އަދި އެފަދައިން ބަޔާންކޮށް އެ ފޯރުކޮށްދޭ ކޮންމެ ފަރާތަކާ އެ ލިބިދެވޭ ފަރާތާ ދެމެދު ވެވޭ އިންވެސްޓްކުރުމުގެ އެންމެހާ ކޮންޓްރެކްޓަކީ ނުވަތަ މުއާމަލާތަކީ "ސެކިއުރިޓީޒް" މާނައިގެ ތެރޭގައި ހިމެނޭ ކަންކަމެވެ.