ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް، އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ ކައުންސިލްގެ ސާފު އަގުލަބިއްޔަތުންނެވެ. މިއާއިއެކު މި ވާހަކަތަކަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ބައެއް ބޭފުޅުން މާކަ ހިތްހަމަޖެހޭ ވާހަކަތަކަކަށް ނުވިއެވެ. ނަތީޖާއަކީ ސަރުކާރަށް ތާއީދުކުރައްވާ ބައެއް ބޭފުޅުންގެ ބަހުގެ ހަމަލާތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް އަމާޒުވާންފެށުމެވެ.

މީގެ ތެރެއިންވެސް ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން އެންމެ ފޯރީގައި ދައްކަވާ އެއް ވާހަކަފުޅަކީ ޖުމްހޫރީ ޕާޓީގެ "ބޮޑު" ނިންމުމާއިއެކު އެ ޕާޓީ ސަރުކާރު ކޯލިޝަނުން މިހާރުވަނީ ވަކިވެފައިކަމެވެ. އެހެންކަމުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޕާޓީގެ މެންބަރުންނާއި ވަޒީރުން އަމިއްލަޔަށް އިސްތިއުފާ ދިނުމަށްވެސް އެބޭފުޅުން އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. މިވާހަކަތަކަށް ރައްޔިތުންނާއި ސިޔާސީ ދާއިރާގެ ފުންނާބު އުސް ބޭފުޅުންގެ ފާޑުކިޔުންތައްވަނީ މިހާރުވެސް އަމާޒުވެފައެވެ.

މީގެ ތެރެއިންވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ދެއްކެވި ދަށު ދަރަޖައިގެ ވާހަކަތަކަށް ރައްޔިތުންގެ ފަރާތުންނާއި ސިޔާސީ ލީޑަރުންގެ ފަރާތުންނާއި ދީނީ އިލްމުވެރިންގެ ފަރާތުން ލިބުނު ނުރުހުމުގެ ބަސްތައް ވަރަށް ގިނައެވެ. ޖުމްހޫރީ ޕާޓީގެ ނިންމުމަށް ތާއީދުނުކުރާކަން ހާމަކޮށް ރާއީ ވަަނީ ޖުމްހޫރީ ޕާޓީގެ އިހުލާސްތެރިކަމާއިމެދު ސުވާލު އުފައްދާފައެވެ. ރާއީ ވިދާޅުވީ ޕާޓީގެ ހުރިހާ ވަޒީރުންނާއި ދެންވެސް ސަރުކާރުގެ އެކި މަގަމުތަކުގައި ތިއްބެވި ޕާޓީއަށް ނިސްބަތްވާ ބޭފުޅުން މިހާރުން މިހާރަށް އިސްތިއުފާ ދޭންޖެހޭކަމަށެވެ. އެހެން ނޫންނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން އެބޭފުޅުން މަގާމުތަކުން ވަކިކުރާނެކަމުގެ އިންޒާރުވެސް ރާއީ ވަނީ ދެއްވާފައެވެ.

އެމްޑީޕީގެ ރައީސް ސާލިހް ފެކްޝަނުން ޖުމްހޫރީ ޕާޓީގެ ވަޒީރުންނަށް ބެލިކަން ދައްކަވަން ރާއީ ވިދާޅުވީ ވެރިކަމަށް 4 އަހަރު ނިމިދިޔަ އިރުވެސް ޕާޓީގެ އެއްވެސް ވަޒީރަކު މަޖިލީހަށް ގެނެސް ސުވާލެއްވެސް ކޮށްލާފައިނުވާނެކަމަށެވެ. އެހެންކަމުން މަޖިލީހަށް އެބޭފުޅުން ހާޒިރުކޮށް "ކަންބަޅި ކަތިލާ" އުސޫލުން ވަކި ކުރުމުގެ ކުރިން އަމިއްލަޔަށް އިސްތިއުފާދޭން ގޮވާލާކަމަށާއި ޖުމްހޫރީ ޕާޓީގެ ނިންމުމާއިއެކު ކޯލިޝަން އުވިފައިވާކަމަށްވެސް ރާއީ ވިދާޅުވިއެވެ.

ރާއީގެ ދަށު ދަރަޖައިގެ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަށް ރައްޔިތުން ބުނަން ފެށީ މިހާ ހިސާބުންނެވެ. ރައްޔިތުންގެ މަޖިލީހުގައި، ޖޭޕީގެ މެންބަރުން "ޖަނަވާރުންނާއި" އެއްފަދަކޮށް ރާއީއަށް ވާހަކަދެއްކިގެން ނުވާނެއެވެ. ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ދެމި ތިބެ މިއަދާހަމަޔަށް ކޮށްދިން ކޮންމެ މަސައްކަތަކުން އޭގެ ރީތި ނަން ލިބުނީ ޖުމްހޫރީ ޕާޓީއަކަށް ނޫނެވެ.

ސަރުކާރުގެ އެކި މަގަމުތަކުގައި ތިއްބެވި ޕާޓީއަށް ނިސްބަތްވާ ބޭފުޅުން މިހާރުން މިހާރަށް އިސްތިއުފާ ދޭނެޖެހޭކަމަށް ރާއީ ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މާކުރިންވެސް މިކަމަށް ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކޯލިޝަނުގެ އެއްބަސްވުން އޮތީ ސަރުކާރުގެ ދައުރު ނިމެންދެން ކަމަށެވެ.

ވެރިކަމަށް 4 އަހަރު ނިމިދިޔަ އިރުވެސް ޕާޓީގެ އެއްވެސް ވަޒީރަކު މަޖިލީހަށް ގެނެސް ސުވާލެއްވެސް ކޮށްލާފައިނުވާނެކަމަށް ރާއީ ވިދާޅުވިއިރު ޖޭޕީގެ ސްލޮޓެއްގައި އައްޔަނުކުރި ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ އަމީނު ދެ ދުވަހުން އެއްދުވަހު ކަހަލަގޮތަކަށް މަޖިލީހަށް ހާޒިރުކޮށް ޖެހިީ ކޮންސަކަރާތެއްކަން ރާއީ ހަމަ ހަނދާންނެތީބާވައެވެ. އަދި މީގެތުރުންވެސް ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ތިއްބެވި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި، ފިޝަރީޒް މިިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަންވެސް އެކި ފަހަރުމަތިން މަޖިލީހަށް ހާޒިރުކޮށްފައިވެއެވެ.

ރާއިގެ މި ނާތަހުޒީބު ވާހަކަތަކަށް ރައްދުދެއްވައި ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވީ "ގަޓު" ދައްކަންވެސް މިފަދަ ވާހަކަތައް ދެއްކިގެން ނުވާނެކަމަށެވެ. އަދި އިންސާނުންނަށް ނިސްބަތްކޮށް ކަންބަޅިޔާ އަޅުވައި، އެވަރުން ނުފުދިގެން ކަންބަޅިކަތިލާގޮތަށޭ ކިޔައި ދައްކާފައިވަނީ ދަށުދަރަޖައިގެ ވާހަކަތަކެއްކަމަށްވެސް ޝައިހް ޒައިދު ވިދާޅުވިއެވެ. ޒައިދުގެ އިތުރުން ވަރަށް ގިނަ އާއްމުންނާއި ސިޔާސީ އެކި ފަރާތްތަކުން ގެންދަވަނީ ރާއީއަށް ފާޑުކިޔަމުންނެވެ.

ކޮންމެއަކަސް ޖުމްހޫރީ ޕާޓީގެ ނިންމުމާއިއެކު ބަޔަކަށް ވާނުވާ އޮޅި ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ދަރަޖައަކަށް ވެއްޓިއްޖެއެވެ. ރިޔާސީ އިންތިހާބެއްގައި ވާދަކުރުމަކީ ޕާޓީއަށް އިހުތިޔާރު ލިބިފައިވާ ކަމަކަށް ވީއިރު މިފަދަ ނިންމުމަކާއި ހެދި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ވަޒީރުންނާއި ސިޔާސީ ޕާޓީއަކަށް އިހާނާތްތެރިކަން ލިބޭގޮތައް ވާހަކަ ދެކެވިގެން ނުވާނެއެވެ. މީގެ ސަބަބުން ކިތަންމެ "ގަޓު" ހުރެގެން ވާހަކަދެއްކިޔަސް ރައްޔިތުންގެ ކުރިމަތީގައި ވެއްޓެނީ ހަމަ އެވާހަކަ ދެއްކި މެންބަރުގެ އަގެވެ.