ބޭންކް އޮފް މޯލްޑިވްސް މުވައްޒަފުން އިސްނަގައިގެން މިއަދު މާލޭގެ 12 ސަރަހައްދެއް ސާފުކޮށްފިއެވެ.
ސާފުކުރުމުގެ މި ހަރަކާތުގައި އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓު ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ބޭންކުގެ މުވައްޒަފުންވަނީ ލޯކަލް މާކެޓުގައި ކުލަލާފައެވެ. މި ހަރަކާތުގައި ބޭންކުގެ 200 އެއްހާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތް ހިންގާފައިވަނީ މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކް އާ ގުޅިގެން މިއަދު ހެނދުނު 6:30 އިން ފެށިގެން 9:00 އަށެވެ.
މިއީ، މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ސައީދު ވިދާޅުވީ މި ސަރަހައްދުތަކުގައި ވަރަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރިކަމަށާއި އެއް ނަންބަރު ފާލަން ކައިރިއަށް ކުރި ޑައިވްގައިވެސް ޓަޔަރާއި ފުޅިފަދަ ތަކެތި ނެގުނުކަމަށެވެ. އަދި ވަކިން ހާއްސަކޮށް ނެޓް ބޭނުންކޮށްގެން މަސްމާރުކޭޓު ކުރިމަތީގެ ފަޅުތެރެވެސް ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ނެގިފައިވާކަމަށާއި މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުމުން މި ހަރަކާތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރާކަމަށްވެސް ސައީދު ވިދާޅުވިއެވެ. ސައީދު ވަނީ ބީއެމްއެލްގެ މިހަރަކާތައް މާލޭ ސިޓީ ކައުންސިލުން ވެދެއްވި އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ހަރަކާތުގައި މާލެއިން ގާތްގަޑަކަށް 8 ކިލޯގެ ކުނި ނަގާފައިވެއެވެ. އަދި ޕާލޭގެ ޖަމްބޯ ބޭގުގެ 6 ބޭގް ޕްލާސްޓިކް ރީސައިކަލް ކުރުމަށް ޕާލޭއާ ވަނީ ހަވާލުކޮށްފައެވެ.
ގައުމީ ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.