އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން، ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިޔަކު ފުލުހުން ހައްޔަރުކުރުމުން، އެކަން ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ކުށްވެރިކޮށްފިއެވެ.

އެޖަމިއްޔާއިން ބުނީ، މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިޔަކު ހައްޔަރުކުރި މައްސަލަ އެމްޖޭއޭއިން ކުށްވެރިކުރާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އެޖަމިއްޔާއިން ބުނީ، މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށާއި ނޫސްވެރިންނަށް ފުރައްސާރަކުރުމާއި އަނިޔާކުރުމުގެ އިތުރުން މަސައްކަތަށް ހުރަސްއެޅުމުގެ މައްސަލަތައް މިއަހަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް މިފަދަ އަށް މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެޖަމިއްޔުާއިން ބުންޏެވެ.

އިދިކޮޅު މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރީ އަވަސްނޫހުގެ ނޫސްވެރިއެކެވެ. އޭނާ ހުރީ ފެންނަ ގޮތަށް މީޑިއާ ފާސްވެސް އަޅައިގެންނެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ވަކި އެއްޗެއް އަދި ނުބުނެއެވެ.

ޢިދިކޮޅު އިއްތިހާދުން މާލޭ ސަރަހައްދުގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންގެންދަނީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމެއްކޮށް، ހުކުމް ތަންފީޒުކުރަމުން ގެންދާތީ އެމަނިކުފާނު ދޫކޮށްލަން ގޮވާލައެވެ. އިދިކޮޅު ފަރާތްތަކުން ސިފަކުރާ ގޮތުގައި ރައީސް ޔާމީނަށް ކޮށްފައިވަނީ "ހަރާމް ހުމެކެވެ."

އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވާ ގޮތުގައި މިހިނގާ މާރިޗުމަހުގެ ތެރޭގައި ރައީސް ޔާމީން މިނިވަންވާނެއެވެ. ޣައްސާން މިފަދައިން ވިދާޅުވީ، "ވީނިއުސް"އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

ޣައްސާން ވިދާޅުވީ، ރައީސް ޔާމީން މިނިވަންވާނެ ކަމަށާއި އެމަނިކުފާނަށް ކޮށްފައިވާ ޖަލު ހުކުމަކީ ހަރާމް ހުކުމެއް ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލާފައިވަނީ، ވ. އާރަށް ކުއްޔަށް ދިނުމުގައި، ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަމުގެ ކުށް ސާބިތުވެ، 11 އަހަރުގެ މުއްދަތަކަށެވެ. މި ހުކުމް އިއްވާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް ކުރި މި ހުކުމް އިސްތިއުނާފުކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ގާނޫނީ ޓީމުން ކުރަމުން އަންނައިރު، އެ ހުކުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމާ ހަމައަށް، މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް އޮންނާނެއެވެ.

މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށްދިން މައްސަލާގައިވެސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލުހުކުމެއް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު އިއްވިއެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.